ޚަބަރު

ފަހަތުން އަރައި ފުލަމް އަތުން ޗެލްސީ މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް ޗެލްސީގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އަދި މެޗުގެ 20 ވަނަ މިނިޓުގައި ފުލަމްގެ އެލެކްސް އިވޯބީ ވަނީ ލަނޑެއް ޖަހައި ފުލަމްއަށް ލީޑު ނަގައިދީފަ އެވެ. މި ލަނޑަށްފަހުވެސް ފުލަމްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ ދެވަނަ ހާފަށް ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމަށް ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރީސް ޖޭމްސް އާއި ނޮނީ މަޑުއެކޭގެ ބަދަލުގައި މާލޯ ގަސްޓޯ އާއި ޖޭޑަން ސަންޗޯ ވަނީ ކުޅެން އަރުވާފައެވެ. މި ބަދަލުތަކާއެކު ޗެލްސީގެ ކުޅުމަށް ބަދަލުތަކެއް އައި ނަމަވެސް، އެ ޓީމަށް ވަނީ ފުލަމްގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފައެވެ.

ޗެލްސީއަށް މި މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޒުވާން ކުޅުންތެރިޔާ ތާރިގު ޖޯޖްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ފަސްވަނަ މިނެޓުގައެވެ. މިއީ އުމުރުން އެންމެ 19 އަހަރުގެ ޖޯޖް ޕްރިމިއަރ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

މި މެޗުގައި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މާލޯ ގަސްޓް ވަނީ ހަމަ އެ ހާފުގައި ބަދަލުކޮށްފައެވެ. އޭގެ ފަހުން މި މެޗުން ޗެލްސީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެޑްރޯ ނެޓޯއެވެ.

މި ނަތީޖާ އާއެކު ޗެލްސީއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމު ވަގުތީ ގޮތުން ލިބިފައެވެ. ހަވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށްވެސް 57 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީއަށް 57 ޕޮއިންޓް ލިބިފައިވަނީ އިތުރު މެޗެއް ކުޅެގެންނެވެ.