ކުޅިވަރު

ސީޑްސް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް އެބައޮތް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން "ސީޑްސް" ގެ ނަމުގައި ފަށާފައިވާ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް އެބައޮތް ކަމަށާއި، 2030 ވަނަ އަހަރާ ހަމައަށް މި ޕްރޮގުރާމް ކުރިއަށްދާނެ ކަމަށް ސީޑްސްގެ ކޯޑިނޭޓަރ ފާއިޒް ސަވާދު ބުނެފިއެވެ.

"ސީޑްސް" އަށް ކުދިން ހޮވުމަށް ބޭއްވި އޯޕަން ޑޭ ހަރަކާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދެމުން ފާއިޒް ބުނީ "ސީޑްސް" ގެ މަގުސަދަކީ ކުރިކެޓަށް ކުދިންގެ ހިތުގައި ޝައުގުވެރިކަން އުފައްދައި، ދިގު ދެމިގެންދާނެހެން މި ކުޅިވަރަށް ކުދިންތަކެއް ތަމްރީނުކުރުން ކަމަށެވެ. އެގޮތުން ޝައުގުވެރިކަން ހުރި ކޮންމެ ކުއްޖަކަށްވެސް މި ފުރުސަތު ހުޅުވިފައިވާކަން ފާހަގަކުރަމުން ފާއިޒް ބުނީ މި ޕްރޮގުރާމުގެ ދަށުން ތަމްރީނުވެގެންދާނީ މުސްތަގުބަލުގެ ގައުމީ ޓީމު ކަމަށެވެ.

"މި ޕްރޮގުރާމުގައި ބައިވެރިވާންވީ ހަމަ ހުރިހާ ކުދިންވެސް. މިއީ ވަކި ޖިންސަކަށް އޮތް ފުރުސަތެއް ނޫން. އަދި ވަކިން ޚާއްސަކޮށް މި ޕްރޮގުރާމުގެ ދަށުން ތަމްރީނުވާ އަންހެން ކުދިންގެ ޓީމެއް އުފެއްދުމަކީ ސީބީއެމްގެ ވަރަށް ބޮޑު އަމާޒެއް" ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ފާއިޒް ބުންޏެވެ.

"ސީޑްސް" ގެ އޯޕަން ޑޭ ބޭއްވިގެން ދިޔައިރު، އެ ހަރަކާތަށް ލިބުނީ ފިނި ތަރުހީބެއް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ސީބީއެމްއިން ކުރިކެޓް ޓީމެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ހަލުވި ދުވެލީގައި ކުރިއަށްދާނެކަން ފާހަގަކުރަމުން ފާއިޒް ބުނީ ކުރިއަށް ހުރި އިންޓަރ ސްކޫލް މުބާރާތްތަކާއި، ސްކޫލްތަކު ހައުސްތަކުގެ މެދުގައި ކުޅެވޭ މުބާރާތްތަކުން ފާހަގަކުރެވޭ ކުދިންނަށް ސީބީއެމްއިން ފާރަލަމުން އަންނަކަމަށެވެ.

"ބައެއް ކުދިން އެބައުޅޭ ކްރިކެޓަކީ ކޯޗެއްކަން ނުވެސް ދަންނަ ކުދިން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ކުޅިވަރަށް ކުދިންގެ ހިތުގައި ލޯބި ޖެއްސޭތޯ. ސްކޫލް މުބާރާތްތަކާ އިންޓަރ ހައުސް މުބާރާތްތަކުންވެސް ފާހަގަކުރެވޭ ކުދިންނަށް ސީޑްސްއިން ފުރުސަތުދީ ދެމެހެއްޓެނިވިގޮތެއްގައި ތަމްރީނުތައް ކުރިއަށް ގެންދިއުން އަޅުގަނޑުމެންގެ އަމާޒަކީ." ފާއިޒް ބުންޏެވެ.

މި ޕްރޮގުރާމުގެ ބައިވެރިން ތަމްރީނުކުރުމުގައި ހަރަކާތްތެރިވާނީ ގައުމީ ޓީމުގެ ކޯޗުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބިދޭސީ ކޯޗުން ގެންނަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށް ސީޑްސްގެ ކޯޑިނޭޓަރުގެ ވާހަކައިގައި ފާހަގަކުރިއެވެ.

ކްރިކެޓް ތަރައްގީކޮށް ފުޅާކުރުމުގެ މަގުސަދުގައި ފަށާފައިވާ "ސީޑްސް" ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ގްރޭޑް 4 އިން ފެށިގެން ގްރޭޑް 7 އާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގުރާމުގެ ބައިވެރިންނަށް ދާއިމީގޮތެއްގައި ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ސީބީއެމްގެ އަމާޒަކީ މި ޕްރޮގުރާމުގެ ތެރެއިން 5000 ކުދިން ކުރިކެޓަށް ނެރުމެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކުރިއަށްހުރި މުބާރާތްތަކަށް ބަލާއިރު، ދެން އެންމެ އަވަހަށް އެ ޓީމު ފުރާނީ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ މުބާރާތަށެވެ. އެ މުބާރާތަށް ޓީމުގެ ތަމްރީނުތައް ފެށިފަވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި އަހަރުގެ އޮކްޓޯބަރު މަހު މެލޭޝިއާގައެވެ. މީގެ އިތުރުން 16 އަހަރުން ދަށުގެ ކްރިކެޓް ޓީމުވެސް އޭސީސީ މުބާރާތުގައި ވާދަކުރުމަށް ޖޫން މަހު ފުރަން ހަމަޖެހިފައިވާއިރު، 19 އަހަރުން ދަށުގެ ޓީމުވެސް އޮކްޓޯބަރު މަހު އޭސީސީގެ މުބާރާތުގައި ވާދަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

"ކުރިއަށް މިއޮތީ ބައިނަލްއަގުވާމީ މުބާރާތްތަކެއް. މި މުބާރާތްތަކަށް ކުދިން ހޯދަމުން މިދަނީ. ޝައުގުވެރިކަންހުރި ހުރިހާ ކުދިންނަށް ފުރުސަތު އެބައޮތް." ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސީޑްސްގެ ކޯޑިނޭޓަރ ފާއިޒް ސަވާދު ބުނެފައިވެއެވެ.