ޚަބަރު

މިދައުރުގައި އަސްކަރިއްޔާ ތަރައްޤީވެ މިސަރަަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ކަށަވަރުވާނެ: ޙިލްމީ


  • މިހާރުވަނީ "އެއަރ ކޯރ" ތަޢާރަފްކޮށް އިތުރު "އާމަޑް ވެހިކަލް" ގެނެސްފައި

  • ކޯސްޓްގާޑް ދެގުނަކުރެއްވުމަކީ ރައީސްގެ ވަޢުދެއް

  • ސްޕެޝަލް ބޯޓް ސްކޮޑްރަން ވަނީ ތަޢާރަފްކޮށްފައި

  • އެއްގަމު ގިނަ އުޅަނދުތަކެއް ވަނީ އަސްކަރިއްޔާއަށް ގެނެސްފައި

ރިޔާސީ މިދައުރުގެ ތެރޭގައި އަސްކަރިއްޔާ އެތައް ގުނައަކަށް ތަރައްޤީވެ، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ލިބޭތަން ފެންނާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ ދުވަހާއި ގުޅިގެން ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ ކޮންމެ ދުވަސްވަރެއްގައިވެސް، އެދުވަސްވަރެއްގައި ޤައުމަށް ދިމާވަމުންދިޔަ ކަންކަމަށް ކުރިމަތިލުމަށް އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ޒަމާނީ ބަދަލުތަކާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު އަސްކަރިއްޔާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގައި މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ހިލްމީ ވިދާޅުވީ، އަހަރުތަކެއް ވަންދެން އެހެން އޮތްނަމަވެސް މިދައުރުގެ ތެރޭގައި، އަސްކަރިއްޔާ ހަރުދަނާކޮށް، ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިހާރުވެސް ފެންނަމުންދާކަމަށެވެ. އެގޮތުން ސިފައިންގެ އިތުރު ބަހާއެއްގެ ގޮތުގައި "އެއަރ ކޯރ" އުފައްދަވާފައިވާއިރު އަސްކަރިއްޔާގެ އެއްގަމުގެ ބާރުތައް ވަރުގަދަކުރުމަށްވެސް މަސައްކަތް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އިތުރު "އާމާޑް ވެހިކަލް"ތައް ޚިދުމަތަށް ނެރެފައިކަން ޗީފް ފާހަގަކުރެއްވިއެވެ.

އަދި މިދައުރުގެ ތެރޭގައި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުކޮށް، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ކަށަވަރުވެގެންދާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަވެސް މަސައްކަތްޕުޅު ފެއްޓެވީ އަޅުގަނޑުމެންގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެންނަކީ އަމިއްލައަށް ބާރުހުރި ބަޔަކަށް ހައްދަވާ، ބޭރަށް ބަރޯސާވާވުން ކުޑަކުރުމަށްޓަކައި މަސައްކަތްކުރެއްވުން." ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ކޯސްޓްގާޑްގެ ޚިދުމަތް ދެގުނަ ކުރެއްވުމަކީ ރައީސުލްޖުމްހުރިއްޔާގެ ވަޢުދެއްކަން ފާހަގަކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދިފަޢީ ބާރުގައި އެއަރ ކޯރގެ އިތުުރުން ކަނޑުގެ ބާރު ވަރުގަދަ ކުރުމަށް ސްޕެޝަލް ބޯޓް ސްކޮޑްރަންވެސް އިފްތިތާޙްކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފަނުގެ ފަސް އަހަރުގެ މި ދައުރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގައި ބޭނުންކުރާ ކޯސްޓުގާޑުގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެކަމަށް އެކި ސައިޒުގެ އުޅަނދުތައް ހޯދައިދެއްވާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ތުރުކީއާއި އެހެނިހެން ޤައުމުތަކާއެކު ކުރައްވަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަނޑާއި އެއްގަމު މަގުންވެސް އުޅަނދުތައް އިތުރުކުރައްވާ ޤައުމުގެ މިނިވަންކަން ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާއިން މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.