ޚަބަރު

ވިޔަފާރިތައް ކުރިއަރުވައި، ބައިނަލްއަޤުވާމީ ބްރޭންޑުތައް ގެންނަން ސަރުކާރުން އެއްބާރުލުން ދޭނެ: އިޤްތިޞާދީ ވަޒީރު


  • ވިޔަފާރިތަކަށް ޤާނޫނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ

  • ބައިނަލްއަގުވާމީ ބްރޭންޑުތައް ރާއްޖެ އައުމަކީ އިގްތިސާދަށް ފައިދާ ކުރާނެކަމެއް

ދިވެހި ވިޔަފާރިތައް ކުރިއަރުވައި، ބައިނަލްއަގުވާމީ ބްރޭންޑުތައް ގެންނަން ބޭނުންވާ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބްރެޒިލްގެ ބްރޭންޑެއް ކަމަށްވާ "ހަވާއިއާނާސް"ގެ ފިހާރައެއް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއިންވެސް ބައިނަލްއަގުވާމީ ބްރޭންޑުތައް ފެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމަކަށްވާއިރު އެފަދަ ބްރޭންޑުތަކުގެ އުފެއްދުންތައް ރާއްޖޭން ލިބެން ހުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ވިޔަފާރިތައް ރާއްޖެ އައުމުން އިޤްތިޞާދަށް ފައިދާވެގެންދާނެ ކަމަށާއި، އެތައް ގޮންޖެހުންތަކާއެކުވެސް ވިޔަފާރިވެރިން ކުރާ މަސައްކަތުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.


"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މިކަންކަން މިގޮތަށް ކުރުން، ހިތްވަރު ދިނުން. ސަޕޯޓްކޮށްދިނުން. އަދި އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތްތަކެއް މި ވިޔަފާރިތައް ކުރިއެރުވުމުގައި، ދިވެހި ވިޔަފާރިތައް ކުރިއެރުވުމުގައި އިންޓަނޭޝަނަލް ފްރާންޗައިޒް ގެންނަން ބޭނުންވާ ފަރާތްތަކާއި އަދި ދިވެހިރާއްޖޭގައި ބްރޭންޑް އެއްޗެހި އުފައްދަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ކަންކަން. ޤާނޫނީ ގޮތުންވިޔަސް ގަވާއިދުގެ ތެރެއިންވެސް ކުރަންޖެހުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބޭރުގެ ފަންނީ ތަޖުރިބާ ހޯދައިގެން ރާއްޖޭގެ އަމިއްލަ ބްރޭންޑުތައް އުފެއްދުމުގައި އެހީވެ، އެ ބްރޭންޑުތަކަށް ރައްކާތެރިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

ބައިނަލްއަގުވާމީ ބްރޭންޑުތައް ރާއްޖެ އައުމަކީ އެތަކެތި ބޭނުން ކުރާ ފަރާތްތަކާއި ދިވެހި ވިޔަފާރިތަކަށްވެސް އޭގެ ސަބަބުން ފައިދާވާނެ ކަމެއްކަމަށްވެސް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.