ޚަބަރު

ޖިންސީ އަނިޔާ ލިބުނު ކުއްޖެއްގެ ފަރާތުން ބަޔާނެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޯޓެއްގައި އިއްވައިފި


  • ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް ލިބުނު އަނިޔާގެ ވާހަކަ ކިޔައިދީފައިވޭ

  • އަނިޔާ ލިބޭ ފަރާތް ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއްދެއްވާކަމަށް ޕީޖީ އޮފީހުން ވިދާޅުވި

ޖިންސީ އަނިޔާ ލިބުނު ކުއްޖެއްގެ ފަރާތުން ބަޔާނެއް ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޯޓެއްގައި އިއްވައިފިއެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓެއް ހުށައެޅުމުގެ ފުރުޞަތު ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެއްވާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. މި ބަޔާން ހުށައެޅީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުޑަކުއްޖެއްގެ ފަރާތުންނެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.

ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ކުއްޖާ އިއްވި ބަޔާނުގައި ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް، 10 އަހަރު ދުވަސް ވަންދެން އެކި ފަހަރު މަތިން އަނިޔާ ލިބުމުން އެ ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ކިޔައިދީފައިވާ ކަމަށެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކެވެ.

މި މައްސަލާގައި ޖިންސީ ގޯނާކުރި މީހާގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް މިދިޔަ ހޯމަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ޙުކުމްކުރައްވާފައެވެ.

ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ އަނިޔާ ލިބޭ ފަރާތް ބާރުވެރިކޮށް، އެ ފަރާތްތަކަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެއްކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާ ލިބުނު ކުއްޖާއަށް ކޯޓުގައި އެ ކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ދިނުމަށް ކޯޓުގައި އެދުމުން، އެ ފުރުޞަތު ދެއްވީތީ ޕީޖީ އޮފީހުން ކޯޓަށް ޝުކުރުއަދާކުރެއްވިއެވެ. ޕީޖީ އޮފީހުން ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އަނިޔާ ލިބޭ ފަރާތްތަކަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.