ދިވެހި ސަރުކާރުގެ ދަޢުވަތަކަށް މަސްޖިދުއްނަބަވީގެ އިމާމް ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލް ބުދައިރު ރާއްޖެ މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގިނަ ބައްދަލުވުންތަކެއް މިއަދު ވަނީ ބާއްވާފައެވެ.
ޝައިޚް ބުދައިރު ރާއްޖެ ވަޑައިގެންނެވީ ހޯމަ ދުވަހުއެވެ. މިދަތުރުފުޅުގެތެރެއިން ގިނަ ބައްދަލުވުންތަކެއް މިއަދުވަނީ ބާއްވާފައެވެ. އެގޮތުން ބުދައިރުވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.
މި ބައްދަލުވުމަށް ފަހު ޝެއިޙް ބުދައިރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާއިވެސްވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ފަތުވާ ދެއްވުމުގައި މިހާރަށްވުރެ އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ޝައިޚް ބުދައިރުވަނީ މާލެ ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވައި މިސްކިތް ބައްލަވާލައްވާފައެވެ. އަދި މަދީނާ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ އަދި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ މަޤާމު ލިބިވަޑައިގެންނެވި ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދާއި ބައްދަލު ކުރެއްވިއެވެ. އަދި ރާއްޖޭގެ ޕްރީ ސްކޫލްތަކުގެ ކުދިންނާއެކުވެސްވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
މިބައްދަލުވުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ދެމެދު އޮތް އުޚުއްވަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ދީނީ ކަންތައްތަކަށް އިސްނަންގަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ މަސައްކަތް ޝައިޚް ވަރަށް ބޮޑަށް ފާހަގަކުރައްވާ އުފާފާޅުކުރައްވާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި ސަރުކާރުން ކުރަމުންދާ މިމަސައްކަތް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަނެފައިވާ ކަމަށާއި، ޝައިޚް ބުދެއިރުވެސް މިކަން ފާހަގަކޮށް ހިތްވަރު ދެއްވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެތެރެއިން މާދަމާ ރޭ މަޣްރިބް ނަމާދާއި ޢިޝާ ނަަމާދު އިމާމުވެ ސަލްމާން މިސްކިތުގައި ކުރައްވާނެއެވެ. އަދި އިސްލާމީ މަރުކަޒުގައި އިޝާ ނަމާދު ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިމާމު ހުކުރު ދުވަހު ހުކުރު ނަމާދުވެސް ކުރައްވާނެއެވެ.