ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުންތެރިން ދޫކޮށްގެން އެންމެ ގިނަ ފައިސާ ލިބުނު ޔޫރަޕުގެ ޓީމަކަށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ވެއްޖެއެވެ.
ޔުއެފާއިން ވަނީ ގައުމީ ޓީމަށް ކުޅެގެން އެ ޖަމާއަތުގެ ކުލަބުތަކަށް ފައިދާހުރި މި ސްކީމުގެ ދަށުން ސިޓީއަށް 5.17 މިލިޔަން ޔޫރޯ ދީފައެވެ. މި ސްކީމުގެ ދަށުން ޖުމުލަ ބަހާފައިވަނީ 233 މިލިޔަން ޔޫރޯއެވެ. އެއީ 901 ކުލަބެއްގެ މެދުގައެވެ. މި ފައިސާ ދިނުމުގައި ބަލާފައިވަނީ 2020/2021 އަދި 2022/2023 ގެ ޔުއެފާ ނޭޝަންސް ލީގާއި، 2022 އިން 2024 އާ ދެމެދުގެ ޔޫރޯ ކޮލިފައިން މެޗުތަކާއި 2024 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތަކަށެވެ.
މި ގޮތުން ސިޓީގެ ފަހަތުން ދެވަނައަށް އެންމެ ގިނަ ފައިސާ ލިބުނު ކުލަބަކީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ. އެ ކުލަބަށް 4.79 މިލިޔަން ޔޫރޯ ލިބިފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފައިސާ ލިބިފައިވަނީ އިޓަލީގެ ޗެމްޕިއަން އިންޓަރ މިލާނަށެވެ. އެގޮތުން އެ ކުލަބަށް ވަނީ 4.65 މިލިޔަން ޔޫރޯ ލިބިފައެވެ.
ޔުއެފާއިން ބުނެފައިވަނީ އެ ޖަމާއަތުގެ މަގުސަދަކީ ގައުމީ ޓީމަށް ކުޅުންތެރިން ދޫކޮށްގެން އެ ކުޅުންތެރިން ދައްކާ ކުޅުމުގެ ފައިދާ ކުލަބުތަކަށްވެސް ހިއްސާކޮށްދިނުން ކަމަށެވެ. އަދި ފުޓްބޯޅަ ކުރިއަށްދާނީ އެކަމުގެ ފައިދާ އެންމެނަށް ހަމަހަމަ އުސޫލަކުން ލިބިގެން ކަމަށެވެ.