ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ކުރިއެރުންތަކެއް، އަދިވެސް މުހިންމު އިސްލާޙުތަކެއް ބޭނުންވޭ


  • މި ޤާނޫނަށް އަމަލުކުރަން ފެށީ 23 އޭޕްރީލް 2012 ގައި

  • ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރިއެރުންތަކެއް

  • އަދިވެސް މުހިންމު އިސްލާޙުތަކެއް ބޭނުންވޭ

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަޞްދީގުކޮށް ޢަމަލުކުރަން ފެށިތާ މިއަދަށް 13 އަހަރު މިވަނީ ފުރިފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ވޫޖުވުމާއެކު، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށްދީ، އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
 
މި ޤާނޫނުގެ ދަށުން ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުންކުރާ މަސަތްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތު އެކުލަވާލައި އޭގެ ދަށުން މަސައްކަތްތައް ކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ނަމުގައި މިނިވަން އިދާރާއެއް ވަނީ އުފައްދާފައެވެ.

މި އޮތޯރިޓީ އުފެދުނީންސުރެ އެ އިދާރާއިން އަންނަނީ ގެވެށި އަނިޔާއާމެދު މުޖުތަމަޢުގައި ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތްތަކާއި ތަމްރީން ދިނުމުގެ އިތުރުން ދިރާސާތައްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެކަށީގެންވާ ފަރުވާ ހޯދައިދިނުމުގައިވެސް އެފްޕީއޭއިން މުހިންމު ދައުރެއް އަދާކުރެއެވެ.

މިވީ 13 އަހަރުގެ ތެރޭގައި އެފްޕީއޭއިން ކޮށްފައިވާ މުހިއްމު މަސައްކަތްތަކަށް ބަލާއިރު ޤައުމީ 2 ސިޔާސަތު އެކުލަވާލެވި މިހާރު 3 ވަނަ ޤައުމީ ސިޔާސަތު "ނޭޝަނަލް ޑޮމެސްޓިކް ވަޔަލަންސް ޕްރިވެންޝަން ސްޓްރެޓީޖިކް ޕްލޭން 2027 -2023" ތަންފީޒުކުރަން ވަނީ ފަށާފައެވެ.
 
ގެވެށި އަނިޔާގެ މައްސަލަތަކުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި އެއް މިންގަނޑުތަކެއް ގެންގުޅުމަށް އަހުލުވެރިކުރުމަށް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކަށް ޚާއްޞަކޮށް އަތްމަތީ ފޮތެއް ތައްޔާރުކޮށްފައިވާއިރު 15 އަތޮޅެއްގައި ތަމްރީނު ޕުރޮގުރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީން ޕްރޮގްރާމްގައި ފުލުހުން، ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ސްކޫލްތައް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް، ޖުޑިޝަރީ، ކައުންސިލްތައް، ސިއްހީ ދާއިރާ އަދި 'އިބަމަ' މެމްބަރުން ބައިވެރި ވެފައިވެއެވެ.

އެފްޕީއޭއިން ވަނީ މިދިޔަ އަހަރުތަކުގައި އޮތޯރިޓީއަށް ހުށަހަޅާ އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއްވެސް ކޮށްފައެވެ.
 
މީގެ އިތުރުން ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ކައުންސެލިންގ ޚިދުމަތްދޭ ފަރާތްތަކާއި އެކީ އެއްބަސްވުމެއް އެކުލަވާލާ ގެވެށި އަނިޔާ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދޭންވެސް ވަނީ ފަށާފައެވެ.

އެކި ފަރާތްތަކަށް ޚާއްސަކޮށްގެން ގެވެށި އަނިޔާއަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާއިރު ގެވެށި އަނިޔާގެ މައްސަލަތަކުގައި ހިރާސް ވަޒަންކުރުމަށް ރިސްކް އެސެސްމަންޓް ޓޫލް ބޭނުންކުރުން ތަޢާރަފު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިގޮތުން މި ރިސްކް އެސެސްމަންޓް ޓޫލަކީ ތަފާސްހިސާބަށް ރިއާޔަތްކޮށް އަނިޔާކުރާ ފަރާތް އަލުން ކުށްކުރާނެކަމުގެ މިންވަރު ލަފާކޮށް ފުލުހުންގެ ތަޙުޤީޤުގައި، ދައުވާ ކުރުމުގެ މަރުހަލާގައި އަދި، ކޯޓު މަރުހަލާގައިވެސް ރިއާޔަތްކުރެވިދާނެ މިންގަނޑެކެވެ. އަދި މިފަދަ ޓޫލްތައް ތައާރަފުކުރުމުގެ ސަބަބުން އެއްހަމައެއްގައި ހިރާސް ވަޒަންކުރުމަށް މަގުފަހިވެގެން ދާނެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލީގަލް އެއިޑްގެ ޚިދުމަތް 2023 ވަނަ އަހަރު ފަށާ މިހާތަނަށް ޖުމުލަ 44 ފަރާތަކަށް މި ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އަދި ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ރިފަރ ކުރާނެ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލާ މިފަދަ މައްސަލަތަކުގައި ރިފަރ ކުރާނެގޮތުގެ ގައުމީ ރިފަރަލް ޕާތްވޭ އެއް ޔޫ.އެން.އެފް.ޕީ.އޭގެ އެހީތެރިކަމާއިއެކު ތައްޔާރުކޮށް ވަނީ އެންޑޯޒްކޮށްފައެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، އަނިޔާގެ ޢަމަލު ހިންގާ ފަރާތްތައް އިސްލާހުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ގުޅިގެން އޮތޯރިޓީގެ ފަރާތުން "ޕާރޕަޓްރޭޓަރ ރިހެބިލިޓޭޝަން" ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ.
 
ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އިމާޖެންސީ ފަންޑް ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތްފަށާފައިވާއިރު ގެވެށި އަނިޔާ ލިބޭ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ދެނެގަތުމަށް ދިރާސާކޮށް ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެފްޕީއޭއިން ފާހަގަކުރާގޮތުގައި ގެވެށި އަނިޔާ ކުރާ މީހުން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ބޭނުންވާ އެންގަރ މެނޭޖްމަންޓް ތެރަޕީ އަދި ކައުންސެލިންގ ފޯރުކޮށްދޭނެ ވަސީލަތްތައް ރާއްޖޭގައި މަދުކަމީ އެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ގެވެށި އަނިޔާކުރާ ފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގޮތްތައް މިހާރު ގާއިމުވެފައިވާ ނިޒާމުގެ ތެރެއިން ނެތުމަކީވެސް ދިމާވާ ގޮންޖެހުމެއްކަން ފާހަގަކޮށް އެފްޕީއޭއިން ވަނީ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މި އޮތޯރިޓީއަށް ބޭނުންވާ ބަޖެޓާއި އިންސާނީ ވަސީލަތް ހޯދުމާއި، ތަރައްޤީކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތްފެށި ސަރުކާރުގެ ފަރާތުން މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އިޞްލާޙުކުރުމަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގެ ބިލް ހިމެނިފައިވުމަކީ މިކަމަށް ހައްލެއް ލިބުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެފްޕީއޭއިން ދެކެއެވެ. އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ގެނެވޭ އިޞްލާޙާއެކު، ގެވެށި އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތްތައް ވިކްޓިމް ސެންޓްރިކް ނަޒަރިއްޔާތަކުން މަސައްކަތްތަކާއި ޚިދުމަތްތައް ދިނުމަށް އިސްކަންދީ، ލުއިފަސޭހަ މަރުހަލާއަކުން އިންސާފުލިބި، ޖަވާބުދާރީ ކުރުމުގެ ނިޒާމު ހަރުދަނާވެގެންދާނެކަންވެސް އޮތޯރިޓީން ފާހަގަކުރެއެވެ.
 
ފާއިތުވި އަހަރުތަކުގެ ތެރޭގައި، ގުޅިގެން މަސައްކަތްކުރާ މުއައްސަސާތަކުގެ މެދުގައި "ވިކްޓިމް ސެންޓަރޑް" އެޕްރޯޗަކުން މަސައްކަތްކުރުމަށް ޚާއްޞަ އިސްކަމެއް ދެވިފައިވާކަމަށް އެފްޕީއޭއިން ވިދާޅުވެއެވެ. އަދި އަނިޔާލިބޭ ފަރާތުގެ ރައްކާތެރިކަމާއި މަސްލަހަތު އިސްކޮށް މަސައްކަތްކުރުމުގެ އަސާސް މުޅި ނިޒާމުގެ ތެރޭގައި އިތުރަށް ހަރުދަނާ ކުރުމަށް ޙާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.