ޚަބަރު

އިންޓަރ މިލާން ބަލިކޮށް ކޮޕާ އިޓާލިއާގެ ފައިނަލަށް އޭސީ މިލާން


ކޮޕާ އިޓާލިއާ ނުވަތަ އިޓާލިއަން ކަޕްގެ ފައިނަލުގެ ޖާގައެއް ވާދަވެރި އިންޓަރ މިލާން 3-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އޭސީ މިލާން ހޯދައިފި އެވެ.

މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭ ކުޅުނު ދެވަނަ ލެގުގެ ނަތީޖާ އާއިއެކު އޭސީ މިލާނަށް ކުރި ލިބިފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ހަތްދިހަ ފަސްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނައިރު އިންޓަރ މިލާނުން ބޯޅަ ހިފަހައްޓައިގެން ކުޅެފައިވީ ނަމަވެސް އެ ޓީމަށް ވަނީ އޭސީ މިލާނުގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 36 ވަނަ މިނިޓުގައި އޭސީ މިލާނުގެ ލޫކާ ޖޮވިޗް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޖޮވިޗް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އޭސީ މިލާނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ތިޖާނީ ރެއިންޑާސް އެވެ.

މި މެޗުން އިންޓަރ މިލާން ބަލިވުމާއިއެކު މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމަށް އެ ޓީމުން ކުރަމުން އައި މަސައްކަތަށް ވަނީ ނިމުން އައިސްފަ އެވެ.