ޚަބަރު

ގެޓާފޭ ބަލިކޮށް ރެއާލް މެޑްރިޑް އިން ފަރަގު ކުޑަކޮށްފި


ސްޕެނިޝް ލަލީގާގައި ރޭ ގެޓާފޭ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށް އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.

މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން 72 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް 33 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ގެޓާފޭ އަށް ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.

ގެޓާފޭގެ ކޮލިސިއަމް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނިޓުގައި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދީފައިވަނީ އާޑާ ގުލާ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިދިޔަ ހަފްތާގައި އާސެނަލް އަތުން ބަލިވެ މުބާރާތުން ކަޓާފައިވާތީ ކޯޗު ކާލޯ އެންޗެލޮއްޓީއަށް ވަނީ ޕްރެޝަރ ބޮޑުވެފަ އެވެ. އެހެންކަމުން މި ސީޒަނުގައި ކޯޕާ ޑެލްރޭއީ ނުވަތަ ލަލީގާގެ ޗެމްޕިއަންކަން ހޯދައިގެން ނޫން ގޮތަކަށް އޭނާއަށް ހިތްހަމަ ޖެހުމެއް ނުލިބޭނެ އެވެ.

މި މެޗަށް ނިކުތްއިރު ކޯޗު އެންޗެލޮއްޓީ ވަނީ އެ ޓީމަށް ހަ ބަދަލެއް ގެނެސްފަ އެވެ. ކޮޕާ ޑެލްރޭއީގެ ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗަށް ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ޖޫޑް ބެލިންހަމް އަށް ފުރުސަތު ދީފައިވަނީ ބެންޗުންނެވެ. އަދި ކިލިއަން އެމްބާޕޭއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މި މެޗުގައި ނުކުޅެ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރެފްރީ ވަނީ 13 މިނިޓަށް މެޗުގެ ކުޅުން ހުއްޓާލާފަ އެވެ. އެއީ ރެއާލް މެޑްރިޑްގެ އޯރެލިއެން ޗޫމޭނީ ރެފްރީ ކައިރިއަށް ގޮސް ދެއްކި ވާހަކަ އަކާއި ގުޅިގެންނެވެ. އަދި ރެފްރީ ވަނީ ދެ ޓީމުގެ ކޯޗުގެ އިތުރުން ފުލުހުންގެ އޮފިސަރަކާއި މަޝްވަރާ ކުރުމަށްފަހު ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާ ނުކުރުމަށް ނަސޭހަތްތެރިވުމުގެ ގޮތުން މެސެޖެއް ވަނީ ދަނޑުގައި ދީފަ އެވެ.