ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ފްލެކްސަރ ސްޕޯޓްސް މޮޅުވެ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. މިއީ ފްލެކްސަރ މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން ފްލެކްސަރ މޮޅުވީ ސިޓީ ފްރެންސްޑް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ވާދަވެރިކޮށް ފެނުނު ނަމަވެސް ފަހު ދެސެޓު ފްލެކްސަރ ގެންދިޔައީ ބޮޑު ތަފާތަކުންނެވެ.
ފްލެކްސަރ މެޗުގެ ސެޓުތައް ކާމިޔާބު ކުރީ 25-21، 25-11 އަދި 25-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ފްލެކްސަރ ޓީމުގެ ޗަނޯނަންއެވެ.
މި މޮޅާއެކު ހަ ޓީމު ވާދަކުރާ ލީގުގެ ތިންވަނައިގަ ފްލެކްސަރ އޮތީ އެހެން ޓީމުތަކަށް ވުރެން މެޗެއް އިތުރަށް ކުޅެގެން 6 ޕޮއިންޓާ އެކުވެ. ހުރާ ހަތަރު ވަނައިގަ އޮތީ 4 މެޗު ކުޅެގެން ހަތަރު ޕޮއިންޓާއެކުވެ. މިހާތަނަށް ހުރާ ލީގުގަ މޮޅުވީ އެންމެ މެޗަކުންނެވެ.
ލީގުގައި ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހޯދި 6 ޕޮއިންޓާއެކު ކުލަބު ވެމްކޯއެވެ. ލީގުގެ އެއްވަނައިގަ އޮތީ މިހާތަނަށް ހުރިހާ މެޗެއް ކާމިޔާބު ކުރަމުންއަންނަ ޕޮލިސް ކުލަބެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.