މަމަހުގެ 18ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހާގެ މައްސާލަގައި ހައްޔަރުކުރި ރައުދު އަޙްމަދު ޛިލާލްގެ އިތުރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޛިލާލް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.
އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ އިމާރާތުގައި އެވަގުތު އޭނާއާއެކު ރައުދު އުޅުނުކަމާއި ރައުދުއާއި ވެއްޓުނު އަންހެންމީހާ އެ ގޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ރައުދުއާއި ވެއްޓުނު އަންހެން މީހާ އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުކަމަށެވެ. އެ ހުރިހާ މީހުންގެވެސް ބަޔާން ނަގައި، އެ މީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކުރުމުގެ އިތުރުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން މި މައްސަލަައާ ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްހާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.