ކުޅިވަރު

ކޯބީގެ ޖާޒީ 7 މިލިޔަނަށް ވިކިއްޖެ


ކުއްލިގޮތަކަށް ދުނިޔެ ދޫކޮށްދިޔަ އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ތަރި ކޯބީ ބްރަޔަންޓް، ލޮސް އެންޖެލަސް ލޭކަރސް އާއެކު އެންމެ ފުރަތަމަ ބޭނުންކުރި މެޗު ޖާޒީ ބީލަމުގައި 7 މިލިޔަން ޑޮލަރަށް ވިކިއްޖެއެވެ.

މި ޖާޒީ އަކީ ލޭކަރސް ޓީމާއެކު ކޯބީ އެންމެ ފުރަތަމަ ސީޒަންގައި ބޭނުންކުރި ޖާޒީއެވެ. އެއީ 1996 އަހަރުގެ ޕްރީ-ސީޒަން އަދި ރަސްމީ މެޗެއްގައިވެސް އެންމެ ފުރަތަމަ ކޯބީ ލީ ޖާޒީކަން ވަނީ ޔަގީންކޮށްފައެވެ.

މިއީ ކޯބީ އާއި ގުޅުންހުރި އެއްޗެއް އެންމެ އަގުބޮޑުކޮށް ބީލަމުގައި ވިކުނު ފަހަރުވެސްމެއެވެ. މީގެކުރިން ކޯބީ އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް 2008 ވަނަ އަހަރު ހޯދި އިރު ބޭނުންކުރި ޖާޒީ، ކޯބީގެ ސޮއާއެކު، ވިކިފައިވަނީ 5.85 މިލިއަން ޑޮލަރަށެވެ.

އެހެންނަމަވެސް ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ވިއްކާލެވިފައިވާ ޖާޒީތަކުގެ ލިސްޓުން ކޯބީގެ ޖާޒީއަށް ޖާގަ ލިބެނީ ހަތަރު ވަނައިންނެވެ. މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިކިފައިވާ ޖާޒީއަކީ އެމެރިކާގެ ނިއުޔޯކް ޔޭންކީސްގެ ބޭސްބޯލް ކުޅުންތެރިއާ ބޭބް ރޫތްގެ "ކޯލްޑް ޝޮޓް"ގެ ނަމުން މަޝްހޫރުވެފައިވާ ޖާޒީއެވެ. 1932 އަހަރުގެ ސީޒަންގައި ބޭބް ރޫތް ބޭނުންކުރި މި ޖާޒީ ވިކިފައިވަނީ 24 މިލިއަން ޑޮލަރަށެވެ.

މިލިސްޓުގެ ދެވަނާގައި އުޅެނީ ބާސްކެޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިއާގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރާ މައިކަލް ޖޯޑަން 1998 އަހަރުގެ އެންބީއޭ ފައިނަލްސްގައި ބޭނުންކުރި ޖާޒީއެވެ. މައިކަލް ޖޯޑަންގެ ޖާޒީ ވިކިފައިވަނީ 10.1 މިލިއަން ޑޮލަރަށެވެ. އަދި ތިން ވަނައަށް އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ މަޝްހޫރު ތަރި ޑިއޭގޯ މަރަޑޯނާ ބޭނުންކުރި ޖާޒީއެވެ. އެއީ 9.3 މިލިއަން ޑޮލަރަށެވެ.

ބާސްކެޓްބޯޅައިގެ މުޅި ހަޔާތް ލޭކަރސް އާއެކު ހޭދަކުރި ކޯބީ ބްރަޔަންޓް ދުނިޔެދޫކޮށްދިޔައީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހު ބާސްކެޓްބޯޅަ މެޗެއް ބަލާލުމަށްފަހު އޭނާގެ އަންހެން ދަރިފުޅާއެކު ހެލިކަޕްޓަރުގައި ދަތުރުކުރަނިކޮށް ދިމާވި އެކްސިޑެންޓެއްގައެވެ.