ކުޅިވަރު

"ކްލީން ސްޕޯޓްސް" ތަންފީޒުކުރެވޭނީ އެންމެންގެ އެއްބާރުލުމާއެކު: ސަރަޑޯގެ ޗެއާޕާސަން


ސައުތު އޭޝިއަން ރީޖަނަލް އެންޓި ޑޯޕިން އޮގަނައިޒޭޝަން (ސަރަޑޯ) އިން ކޮންމެ އަހަރަކު ބާއްވާ އަހަރީ އެމްސީއާރް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤް އިބްރާހީމެވެ.

މި ބައްދަލުވުމުގައި ބައިވެރިވިވަޑައިގެންނެވި އިތުރު ބޭފުޅުންގެ ތެރޭގައި ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގެ ކުޅިވަރާ ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާއި ވޯލްޑް އެންޓި ޑޯޕިންގ އެސޯސިއޭޝަން (ވާޑާ) ގެ މަންދޫބުން ހިމެނެއެވެ.

ސްރީ ލަންކާގެ ކޮލޮމްބޯގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އަލިއަޅުވާލީ "ކްލީން ސްޕޯޓްސް" ނުވަތަ މަނާ ބޭހުން ދުރުވެފައިވާ ކުޅިވަރުގެ މާހައުލެއް މި ސަރަހައްދުގެ ގައުމުތަކުގައި އަށަގަންނުވައި، އެކަމަށް މީހުން ހޭލުންތެރިކުރުވުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުގެ ޚިޔާލާ މަޝްވަރާތައްވެސް މި ބައްދަލުވުމުގެ ތެރެއިން ހިއްސާކޮށްފަވާއިރު، މި ބައްދަލުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގައި "ކްލީން ސްޕޯޓްސް" އަށަގެންނެވުމަށް ބާރަކަށް ވެގެންދާނެކަމަށް ސަރަޑޯއިން ވަނީ ހާމަކޮށްފައެވެ.

ސަރަޑޯގެ އަހަރީ ބައްދަލުވުމުގެ ސަބަބުން ރާއްޖެއިން ކުޅިވަރުގެ މަނާ ބޭހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލުމަށް ފުރުސަތު ފަހިވެގެންގޮސްފައިވާއިރު، އެންޓި ޑޯޕިންއަށް އާންމުން ހޭލުންތެރިކުރުވާ މިފަދަ ކަންކަން ކުޅިވަރާ ގުޅުންހުރި އިދާރާތަކުން ފޮހެލުމަށް ތަންފީޒުކުރަމުންދާ އުސޫލުތަކުގެ މައްޗަށް އަލިއަޅުވާލެވިގެންދިޔައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްވަމުން ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމް ވިދާޅުވީ މަނާ ބޭހާ ދުރުވެފައިވާ މާހައުލެއް ކުޅުންތެރިންނަށް ފަހިކޮށްދިނުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ކުޅިވަރުގައި ނަޒާހާތްތެރިކަން ކަށަވަރުކުރުމާ، އެންޓި ޑޯޕިންގ އާ ގުޅޭގޮތުން ހަދާފައިވާ ޤައުމީ ފްރޭމް ވޯރކް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއްދެއްވާ ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤްވަނީ "ކްލީން ސްޕޯރޓްސް" ތަންފީޒުކުރުމުގައި ސަރަޑޯ އަދި ވާޑާއިން ހުއްޓުމެއްނެތި ކުރަމުންދާ މަސަަައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުުން ސަރަޑޯގެ މިދައުރުގެ ޗެއާރމަން ނިމާ ގުޔަލްޓްޝާން ވިދާޅުވީ މެމްބަރު ޤައުމުތަކާއެކު ކުރެވުނީ ކާމިޔާބު މަޝްވަރާތަކެއްކަމަށެވެ. މިއީ ކުޅިވަރާއި ގުޅުންހުރި ދާއިރާތައް މަނާ ބޭހާ ދުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމަކީ ހުރިހާ ޤައުމަކުން ގުޅިގެން އެއްބާރުލުންދީގެން މެނުވީ ނުކުރެވޭނެކަމެއްކަމަށް ވިދާޅުވަމުން ނިމާ ވިދާޅުވީ ސަރަޑޯގެ މެމްބަރު ޤައުމުތައް އެކުވެ، ބަދަލުކުރެވޭ މިފަދަ ޚިޔާލާ މަޝްވަރާތަކުގެ އަލީގައި މި މަސައްކަތް ފުޅާވެ ތަރައްޤީކުރުމަށް ބާރަކަށް ވެގެންދާކަމަށެވެ.

ސަރަޑޯގެ އަހަރީ އެމްސީއާރް ބައްދަލުވުން ކުރިއަށް ދިއައީ މިމަހުގެ 21-22 އަށް ސްރީލަންކާގެ ވެރިރަށް ކޮލިމްބޯގައެވެ. މި ބައްދަލުވުމުގައި ސަރަޑޯގެ މެމްބަރު ޤައުމުތައްކަމަށްވާ ރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީލަންކާއިން މަންދޫބުންވަނީ ބައިވެރިވެފައެވެ.