ކުޅިވަރު

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް: ފޯރިއާއެކު މެޗުތައް ކުރިއަށް


މިހާތަނަށް އެންމެ ގިނަ ޓީމު ވާދަކުރާ ބީޗް ހޭންޑްބޯޅަ މުބާރާތް ކަމަށްވާ "ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތް 2025" ގައި މިއަދުވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން ދެ ޑިވިޝަނުން ޖުމްލަ އަށް މެޗު މިއަދުވެސް ފެނިގެންދިޔައެވެ.

މިއަދު ކުރިއަށްދިޔަ މެޗުތަކަށް ބަލާއިރު، އަންހެން ޑިވިޝަނުގައި ކީންސް އެސްސީއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ރެޑް ހޯކްސްއެވެ. އަދި ކުލަބު ހުޅާ ވާދަކޮށް އެފްޖީއެސް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން ރެޑް ހޯކްސް ވަނީ ޒެފީރްސްއާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އެއަށްފަހު ކިނާން އަދި ކުލަބު ހުޅު ވާދަކޮށް އެއްވަރުވި މެޗު، ކިނާންއިން ކާމިޔާބުކޮށްފަވަނީ ޝޫޓްއައުޓްއަށް ގޮސްގެންނެވެ. އަންހެން ޑިވިޝަނުގައި ފެނުނު ފަހު މެޗަކީ ބަޓަރފްލައިސް އާއި ކުލަބު ޒެފްރޯލް ވާދަކުރި މެޗެވެ. މި މެޗު ބަޓަރފްލައިސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އެންމެ ފުރަތަމަ ވާދަކުރީ ފިއޯންޓީ އާއި މައިލޯ ސިޓީއެވެ. މި މެޗު މައިލޯ ސިޓީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ސަދާން އެފްސީއާ ބައްދަލުކުރި މެޗު ބޮންތިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު ޒެފީރްސްއާ ވާދަކޮށް ފިއޯންޓީން ވަނީ 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ފިރިހެން ޑިވިޝަނުގެ ފަހު މެޗުގައި ކުލަބު ހުޅާ ވާދަކޮށް ގޯޓް އެސްސީން މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ހުޅަނގު ބީޗް ހޭންޑްބޯޅަ މުބާރާތަކީ ވެސްޓް އެންޑް ސްޕޯޓްސް ކުލަބާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން ޖުމްލަ 24 ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ފައިނަލް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުއެވެ.