ކުޅިވަރު

އަލް އަހްލީއިން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ތައްޓާ ގާތަށް


ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ އޭޝިއަން ޗެމްޕިއަންސް ލީގުގެ އެލީޓް ކުއާޓާ ފައިނަލުގައި ތައިލެންޑުގެ ބުރިރާމް ޔުނައިޓެޑް 3-0 އިން ބަލިކޮށް އަލް އަހްލީން ތައްޓާ ގާތަށް ޖެހިލައިފިއެވެ.

ރޭ ކުޅުނު މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓާ މެޗުގެ ކޮންޓްރޯލު އަލް އަހްލީން ނަގާފަވާއިރު، އަލް އަހްލީންވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ.

ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓުގައި އަލް އަހްލީންވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަރޑް ރޮބާޓޯ ފިރްމީނޯގެ އެހީއާއެކު އަލް އަހްލީގެ ވިންގަރ ރިޔާދު މަހްރޭޒްއެވެ. އޭގެ ދެ މިނިޓްފަހުން އަލް އަހްލީން ވަނީ 2-0ން ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ރޮޖަރ އިބަނޭޒްގެ އެސިސްޓަކުން ގަލޭނޯ ޖެހި ލަނޑެކެވެ.

މެޗުގެ ތިންވަނަ ލަނޑު ފެނިގެން ގޮސްވައިވަނީ ފުރަތަމަ ހާފު ނިމެން 15 ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ. މިއީ މެހްރާޒް ދިން ކޯނަރަކުން، ފިރްމީނިއޯ ބޮލުންޖަހާ ގޯލަށް ވައްދާލި ލަނޑެކެވެ. މެޗުގެ ދެވަނަ ހާފުގެ ތެރެއިންވެސް ގިނަ ހަމަލާތަކެއް އަލް އަހްލީން އުފެއްދި އިރު، މަހްރޭޒްއަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މި ހަމަލާ ބޭކާރުވީ ގޯލުމަތިން ދިއުމުންނެވެ.

އަލް އަހްލީން އެޓީމުގެ ފުރަތަމަ ކޮންޓިނެންޓަލް ތައްޓަށް އަމާޒު ހިފާފަވާއިރު، މިހާތަނަށް އެޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1986 ވަނަ އަހަރާ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ލިބުމެވެ. ތައްޓަށް ޖަހާ ރޭހުގައި އަލް އަލް އަހްލީން ދެން ނުކުންނާނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލާފައިވާ އަލް ހިލާލްއާ ދެކޮޅަށެވެ. އެޓީމުންވަނީ ހުކުރު ދުވަހު ކުޅުނު މެޗުގައި ދެކުނު ކޮރެއާގެ ގުވާންގްޖޫ 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް ގަދަ ހަތަރަކުން ޖާގަ ހޯދާފައެވެ.

އޭޝިއަން ޗެމްޕިއަންސް ލީގުގެ ގަދަ ހަތަރެއްގެ މެޗުތައްވެސް ކުޅުމަށް ހަމަޖެހިފަވަނީ ސައުދީ އަރަބިއްޔާގެ ބަނދަރުމަތީގެ ސިޓީއެއްކަމަށްވާ ޖިއްދާގައެވެ. ސެމީ ފައިނަލު ފުތަރަމަ މެޗުގައި ވާދަކުރުމަށް އަލް އަހްލީ އާއި އަލް ހިލާލު ނުކުންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 30 ވަނަ ދުވަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލްނަސްރުން ދެވަނަ ސެމީއަށް ތައްޔާރުވަމުން އަންނައިރު، އެޓީމު ވާދަކުރާނީ މިރޭ އަލް ސާދާއި ޖަޕާނުގެ ކަވަސާކީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މުބާރާތުގެ ފައިނަލު މެޗު އަންނަ މަހުގެ ތިނަކަށް ތާވަލުކޮށްފަވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައެވެ. މިއީ ފަސްދޮޅަސް ދެހާހަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭނެހެން ފަރުމާކޮށްފައިވާ ދަނޑެކެވެ.