ބައިނަލްއަގުވާމީ އެކި ބޭންޑުތަކުން ބައިވެރިވާ، ބެޓަލް އޮފް ދަ ބޭންޑް އިންޓަރނޭޝަނަލްގެ އެލިމިނޭޝަން ރައުންޑުތައް ފަށައިފިއެވެ.
މި މުބާރާތް ރާއްޖެއަށް މިފަހަރު ވަރަށް ޚާއްސައެވެ. އެއީ އިންޑިއާގައި ކުރިއަށްދާ މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލް ކުރާ ބޭންޑެއް ކަމަށްވާ، "ޓޫ އޮފް އަސް" އިން ކުޅަދާނަ ހުށަހެޅުންތަކާއި ހަރަކާތްތަކެއް ދައްކަމުންދާތީއެވެ. މިހާތަނަށް އެ ބޭންޑުން މުބާރާތުގައި ދައްކާލާފައިވާ ހުރިހާ ހަރަކާތަކަށްވެސް ޖަޖުންނާއި ބެލުންތެރިން، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ބެޓަލް އޮފް ދަ ބޭންޑްސްގައި މިހާތަނަށް އެކި ޤައުމުތަކުގެ ބޭންޑުތަކުން ހުނަރުތައް ދައްކާލާފައިވާއިރު އެ މުބާރާތުގެ އެންމެ މުހިންމު ބައިތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، އިއްޔެ މުބާރާތުގެ އެލިމިނޭޝަން ރައުންޑުތައް ވަނީ ފަށާފައެވެ.
މި މުބާރާތުގައި 12 ބޭންޑެއް ވާދަކުރާއިރު އެންމެ މޮޅު ބޭންޑަށް ވުމަށް އެލިމިނޭޝަން ރައުންޑު ކާމިޔާބު ކުރަން ބޭންޑުތަކަށް ޖެހޭނެއެވެ. މިކަމަށް ބޭންޑު އޮތީ ތައްޔާރަށް ކަމަށާއި އެލިމިނޭޝަން ރައުންޑުގައިވެސް ދައްކުވައިދޭނީ ދިވެހިން ފަޚުރުވެރިވާނެ، އަދި ޖަޖުންނާއި ބެލުންތެރިންނަށް ކަމުދާނެ ހުށަހެޅުމެއް ކަމަށް އެ ބޭންޑުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދިނެވެ.
އެލިމިނޭޝަން ރައުންޑުގައި "ޓޫ އޮފް އަސް" ބޭންޑުގެ ހުށަހެޅުން އޮންނާނީ މާދަމާއެވެ. އަދި ބުދަ ދުވަހު އެ ރައުންޑުގެ ނަތީޖާ އިއުލާން ކުރާނެއެވެ. މި ރައުންޑުން 6 ޓީމެއް ކަޓާނެއެވެ. އަދި މޮޅުވާ 6 ޓީމު ސެމީ ފައިނަލުގައި ވާދަކުރާނެއެވެ.
މި މުބާރާތުގައި ސެމީ ފައިނަލްގެ ހުށަހެޅުންތައް އޮންނާނީ މެއި އެކެއްގައެވެ. ސެމީ ފައިނަލުން އެއް ބޭންޑު ކަޓާއިރު ފައިނަލުގައި 5 ބޭންޑު ވާދަކުރާނެއެވެ. އަދި މެއި 2ވަނަ ދުވަހު އޮންނަ ފައިނަލުގައި މި ބޭންޑުތަކުގެ ތެރެއިން އެންމެ މޮޅު ތިން ބޭންޑު ހޮވާނެއެވެ.
ރާއްޖޭގެ "ޓޫ އޮފް އަސް"އިން ބުނީ އެ ބޭންޑުން އޮތީ ކޮންމެ ކަމަކަށްވެސް ތައްޔާރަށް ކަމަށެވެ. އަދި އަހަރުތަކެއްގެ ބުރަ މަސައްކަތްތަކަކާއެކު ރާއްޖެއަށް ތާރީޚީ މޮޅެއް ހޯދައިދިނުމަކީ އަމާޒު ކަމަށްވެސް އެ ބޭންޑުން ބުނެއެވެ.
ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑު، "ޓޫ އޮފް އަސް" ރާއްޖެ ތަމްޞީލު ކުރުމުންއަންނައިރު ދިވެހިންގެ ފަރާތުން އެ ބޭންޑަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ ބޭންޑުގެ ހުށަހެޅުންތަކަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
"ޓޫ އޮފް އަސް" ބޭންޑުން ބެޓަލް އޮފް ދަ ބޭންޑްސްގައި ދިވެހި އަދި ހިންދީ ލަވަތައްވެސް ހުށަހަޅައެވެ. އެ ބޭންޑުގެ ހުނަރުވެރިކަން ހުރިހާ ޖަޖުންވެސް ފާހަގަކުރެއެވެ. އެގޮތުން، އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސް އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމަށް ބުނެފައެވެ. އަދި ބޭންޑުގައި ހިމެނޭ ފަންނާނުންގެ ހުނަރުތަކަށް އޭނާވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.