ކުޅިވަރު

ދެ ޓީމުގެ ކުޅުން އެއްގޮތް، މޮޅީ އަހަރުމެން: އެންރީކޭ


އިނގިރޭސިވިލާތުގެ އާސެނަލް އާއި ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގައި އެއްގޮތް ކަންތައްތައް ގިނަ ނަމަވެސް މޮޅީ އޭނާގެ ޓީމު ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މި ދެ ޓީމު މިރޭ ދަންވަރު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ބާސެލޯނާ އަށް 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުނީ އާސެނަލް އަކީ ޕީއެސްޖީ ފަދައިން ކުޅޭ ޓީމެއް ކަމަށެވެ.

"އެމީހުން ބިނާ ވެފައި އޮތީ ޓީމެއްގެ ގޮތުގައި. އެކުވެގެން އެމީހުގެ ވަރުގަދަކަން ފެންނަނީ. މިކަން އެމީހުން އެޓޭކް ކުރާއިރާއި ޑިފެންސް ކުރާއިރު ފެންނާނެ. އެމީހުން ހުރިހާ ކަމެއް ވެސް ކުރަނީ ޓީމެއްގެ ގޮތުގައި. ހަމަ ޔަގީން އެމީހުންގެ އެބަތިބި އެންމެ މަތީ ފަންތީގެ ކުޅުންތެރިން އަހަރުމެން ފަދައިން. އެކަމަކު އެމީހުން އެންމެ ކުޅުންތެރިއަކަށް ބިނާވެގެން ނުތިބޭ މުޅި ސީޒަނުގައި އެމީހުންގެ އިންޖަރީތަކެއް އެބަހުރި. އެކަމަކު އެމީހުން އެދަނީ އެންމެ މަތީ ފެންވަރުގައި ޕާފޯމް ކުރަމުން،" ކޯޗު ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީ އައީ އިނގިރޭސި ދެ ޓީމެއް ބަލިކޮށްފަ އެވެ. އެއީ އެސްޓަންވިލާ އާއި އިނގިރޭސި ޗެމްޕިއަން ލިވަޕޫލެވެ.

އެންރީކޭ ބުނީ އާސެނަލް އާއި އޭނާގެ ޓީމުގެ ތަފާތު ބަލައިފި ކަމަށާއި އޭނާގެ ނަޒަރުގަ ޕީއެސްޖީއަކީ މާމޮޅު ޓީމެއް ކަމަށެވެ.

"އަހަރުމެންނަކީ ހުރިހާ ކަމަކަށް ބަލާއިރު މާ ފުރިހަމަ ޓީމެއް. މިހާރު އަހަރުމެން ބޭނުންވަނީ ތާރީހުގައި އެކަން ލިޔެކަން،" އެންރީކޭ ބުންޏެވެ.

ސެމީ ފައިނަލަށް ނުކުންނައިރު ޕީއެސްޖީ ވަނީ ފްރާންސްގެ ލީގުގެ ޗެމްޕިއަންކަން ވެސް ދިފާއުކޮށްފަ އެވެ. މިއީ ކީލިއަން އެމްބާޕޭ އާއި ލަޔޮނަލް މެސީ އާއި ނޭމާ ފަދަ ތަރިން ދޫކޮށްލުމަށްފަހު ޕީއެސްޖީ ޔޫރަޕުގެ ގަދަ ހަތަރެއްގެ ތެރެއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިހެންވެ އެންރީކޭ ދެކެނީ މިއީ އެކުލަބުގެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިކަމަށް މިސާލު ދައްކަމުން އޭނާ ބުނީ ކުއާޓާ ފައިނަލުގައި ސްޕޭނުގެ ބާސެލޯނާ އަށްވުރެ ޕްރެޝަރު ބޮޑުވީ ވެސް ޕީއެސްޖީ އަށް ކަމަށާއި ނަމަވެސް އޭނާގެ ޓީމު ސެމީ ފައިނަލުގައި އޮތީ ޕްރެޝަރުން އަރައިގަންނަން އެނގި އެކަމަށް ކުރާ މަސައްކަތުގެ ރޭޓް ރަނގަޅުވުމުން ކަމަށެވެ.

ސެމީ ފައިނަލުން މޮޅުވެއްޖެނަމަ ފައިނަލުގައި ވާދަކުރަން ޖެހޭނީ ސްޕޭނުގެ ބާސެލޯނާ ނުވަތަ އިޓަލީގެ އިންޓަމިލާނާ އެވެ.