ޚަބަރު

ޔޫކްރެއިނު ހަނގުރާމައިގައި އުތުރު ކޮރެޔާގެ 600 އެއްހާ ސިފައިން މަރުވެފައިވާކަމަށް ބުނެފި


ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާގެ ލަޝްކަރުތަކާ ބައިވެރިވެގެން، ހަނގުރާމައިގެ މައިދާނުގައި މިހާތަނަށް އުތުރު ކޮރެޔާގެ 600 އެއްހާ ސިފައިން މަރުވެފައިވާ ކަމަށް ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހަށް އެ ޤައުމުގެ ޖާސޫސީ އިދާރާއިން މަޢުލޫމާތު ޙިއްސާކުރުމުގެ ބައްދަލުވުމަކަށްފަހު، މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ، ލީ ސެއޮންގް-ކްވެން އާއި ކިމް ބިއުންގް-ކީ ނޫސްވެރިންނަށް ވިދާޅުވީ، ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއިން މިހާތަނަށް މަރުވެ އަދި ޒަޚަމްވެފައިވާ އުތުރު ކޮރެޔާގެ ސިފައިންގެ އަދަދު 4،700 އަށް އަރާ ކަމަށެވެ.

މި މަޢުލޫމާތު ހާމަކޮށްފައިމިވަނީ، ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އުތުރު ކޮރެޔާގެ ސިފައިން ބައިވެރިވަމުންދާ ކަމަށް އުތުރު ކޮރެޔާގެ ސަރުކާރުން ފުރަތަމަ ފަހަރަށް ރަސްމީކޮށް އެއްބަސްވެފައިވަނިކޮށެވެ.

ރަޝިޔާގެ ސަފުތަކާ ބައިވެރިވެ، ޔޫކްރެއިނު ނެތިކޮށްލާނެ ކަމަށް އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް-އުން ވިދާޅުވެފައިވާ ކަމަށް ދެކުނު ކޮރެޔާގެ ދައުލަތުގެ މީޑިޔާ ކޮރެޔަން ސެންޓްރަލް ނިޔުސް އޭޖެންސީ (ކޭސީއެންއޭ)އިން ވަނީ މިދިޔަ ހޯމަ ދުވަހު ރިޕޯޓުކޮށްފައެވެ.

ޔޫކްރެއިނު ހަނގުރާމައިގައި 15،000 އެއްހާ އުތުރު ކޮރެޔާގެ ސިފައިން ބައިވެރިވަމުންދާ ކަމަށް، ޖާސޫސީ އިދާރާގެ މަޢުލޫމާތާ ޙަވާލާ ދެއްވައި އެ ދެ މެމްބަރުން ވިދާޅުވިއެވެ.

އޭގެ ބަދަލުގައި، ރަޝިޔާއިން ސެޓެލައިޓާއި މިސައިލް ފަދަ ހަތިޔާރު އުތުރު ކޮރެޔާއަށް ދީފައިވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވިއެވެ.