ޚަބަރު

ސަބަލެންކާ އާއި ސްވިއަޓެކް ސެމީ އަށް


ސްޕެއިންގެ މެޑްރިޑްގައި މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ އާއި އިގާ ސްވިއަޓެކް ހޯދައިފި އެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސްއަށް އުފަން ސަބަލެންކާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޔުކްރޭންގެ މާޓާ ކޮސްޓުޔުކް އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލުގައި ސަބަލެންކާ އާއި ދެކޮޅަށް ނިކުންނާނީ ދުނިޔޭގެ ރޭންކިންގެ 17 ވަނައިގައި ހުރި އެލީނާ ސްވިޓޮލީނާ އެވެ. އޭނާ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޖަޕާނުގެ މޮޔޫކާ އުޗިޖީމާ އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ފަހެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން މެޗުން މޮޅުވެގެންނެވެ.

ޕޮލެންޑަށް އުފަން އިގާ ސްވިއަޓެކް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ މެޑިސަން ކީސް އާއި ދެކޮޅަށް ކުޅުނު މެޗު ސުމެއް ހައެއް, ހައެއް ތިނެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ސްވިއަޓެކް އަށް ޕޮއިންޓެއް ހޯދިފައިނުވިނަމަވެސް ފަހު ދެ ސެޓުގައި އޭނާ ވަނީ ތަފާތު ދައްކާފަ އެވެ.

ސެމީ ފައިނަލުގައި ސްވިއަޓެކް އާއި ދެކޮޅަށް ނިކުންނަ އެމެރިކާގެ ކޮކޯ ގައުފު ވަނީ ރަޝިޔާގެ މިރާ އެންޑްރީވާ އާއި ދެކޮޅަށް ކުޅޫނު މެޗު ފަސޭހަ ކަމާއެކު ހަތެއް ފަހެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.