ޚަބަރު

ގްރީން ޓެކްސްގެ އާމްދަނީ ދެ ގުނައަށް އިތުރުވެ، ދަޢުލަތުގެ އާމްދަނީއަށް %6.9 ކުރިއެރުމެއް


  • ޓެކްސް އާމްދަނީގެ ގޮތުގައި 9.5 ބިލިޔަން ރުފިޔާ ލިބިފައިވޭ

  • ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.8 ބިލިޔަން ރުފިޔާ ލިބިފައިވޭ

މިއަހަރުގެ ފުރަތަމަ 14 ހަފްތާ ނިމުނު އިރު ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރަށް ވުރެ ގާތްގަނޑަކަށް 6.9 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން 24 އޭޕްރީލް 2025ގެ ނިޔަލަށް 12.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 11.6 ބިލިޔަން ރުފިޔާއެވެ. މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައެވެ.

ދައުލަތުގެ އާމްދަނީގެ ތެރޭގައި ހިމެނެނީ:

• ޓެކްސް އާމްދަނީ: 9.5 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 9.4 ބިލިޔަން ރުފިޔާ)
• ޓެކްސް ނޫން އާމްދަނީ: 2.8 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 1.98 ބިލިޔަން ރުފިޔާ)

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އާމްދަނީ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) މެދުވެރިކޮށެވެ. އެގޮތުން، ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިޔަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 24 އޭޕްރީލްގެ ނިޔަލަށް 617.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބިފައިވަނީ 361.9 މިލިޔަން ރުފިޔާ އެވެ.

ޓެކްސްގެ ބައެއް ތަފްސީލްތައް:


• އެއާޕޯޓް ސާވިސް ޗާޖު/ޑިޕާޗާ ޓެކްސް: 490.5 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 380.7 މިލިޔަން ރުފިޔާ)
• އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 492.8 މިލިޔަން ރުފިޔާ (މިދިޔަ އަހަރު 389.1 މިލިޔަން ރުފިޔާ)

މި މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި 10.5 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 9.7 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 804.5 މިލިޔަން ރުފިޔާ ވެސް ހިމެނެ އެވެ.

ދައުލަތުގެ ރިކަރަންޓް ހަރަދުގެ މައިގަނޑު ބައިތަކަށް ބަލާއިރު:

• މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަން: 3.7. ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިޔަން ރުފިޔާ)
• އިދާރީ ހަރަދުތައް: 5.9 ބިލިޔަން ރުފިޔާ (މިދިޔަ އަހަރު 6.5 ބިލިޔަން ރުފިޔާ)

މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިޔަން ރުފިޔާއިން އަރަނިވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިޔަން ރުފިޔާއިން ޑެފިސިޓްވެފައެވެ. އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓް ގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިޔަން ރުފިޔާއިން އަރަނިވެރިވެފައެވެ.