ޚަބަރު

ޔޫކްރެއިންގެ މައުދަނީ މުއްސަނދިކަމުން އެމެރިކާއަށް ބޮޑު ހިއްސާއެއް ދެނީ


ޔޫކްރެއިންގެ މައުދަނީ މުއްސަނދިކަމުން އެމެރިކާއަށް ބޮޑު ހިއްސާއެއް ދިނުމަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް މި ކަން އިޢުލާނު ކުރައްވާފައިވާއިރު، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މައުދަނީ މުއްސަނދިކަމުން އެމެރިކާއަށް ހިއްސާއެއް ދިނުމަށް ޔޫކްރެއިނުން އެއްބަސްވެފައި ވަނީ ޔޫކްރެއިނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައި، އެމެރިކާއިން އެ ކަމަށް މަޖުބޫރު ކުރުވުމުގެ ސަބަބުންނެވެ.

ބެސެންޓް ވިދާޅުވީ، ޔޫކްރެއިންގެ މައުދަނީ މުއްސަނދިކަމުގެ ހިއްސާއެއް އެމެރިކާއަށް ދިނުމުގެ އިތުރުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ސުންނާފަތި ކޮށްލާފައިވާ ރަށްތައް އަލުން އާރާސްތު ކުރުމަށް، އަދި އިމާރާތްތައް އަލުން ބިނާ ކުރުމުގެ މަސައްކަތުގައި އެމެރިކާ ބައިވެރި ކުރުމަށް ވެސް އެ ޤައުމުން އެއްބަސްވެފައިވާ ކަމުގައެވެ. މި ކަމާ ގުޅޭ އެއްބަސްވުމުގައި ދެ ޤައުމުގެ ސަރުކާރުން ސޮއި ކޮށްފައި ވަނީ ވޮޝިންގޓަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލާފައި މި ވަނީ، އެތަކެއް މަސްތަކަކަށް ދެމިގެން ދިޔަ ނުތަނަވަސް މަޝްވަރާތަކަކަށް ފަހުއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ދެ ޤައުމުން ވެސް ގޮތްދޫނުކުރުމަށް މަސައްކަތްކޮށް، އެއްބަސްވުމުގައިވާ ކަންކަމަށް އުނިއިތުރު ގެނައުމަށް މަސައްކަތް ކޮށްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުމެއް އެކުލަވައިލުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެސެންޓް ސިފަ ކުރެއްވިއެވެ. އަދި، މި އެއްބަސްވުމުގެ މާނައަކީ ޔޫކްރެއިންގެ ސިޔާދަތީ މިނިވަންކަމާއި ކުރިއެރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ފެބުރުވަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ދެމެދު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކަށް ފަހު ދެ ޤައުމުގެ މަސްރަޙު ހޫނުވިއެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އަޑު އުފުއްލަވައި މީޑިޔާގެ ކުރިމަތީގައި ބަހުގެ ޙަމަލާތައް އަމާޒު ކުރައްވާފައެވެ. އެ ބަައްދަލުވުމަށް ފަހު، ޓްރަމްޕް ވަނީ ޒެލެންސްކީއަކީ ޚުދުމުޚްތާރު ވެރިއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި، ޔޫކްރެއިނަށް އަސްކަރީ އަދި ޖާސޫސީ ދާއިރާއިން ފޯރުކޮށްދެމުން ދިޔަ ބައެއް އެހީތައް ވަގުތީ ގޮތުން މެދުކަނޑައިލައްވާފައެވެ.

ބެސެންޓް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލައި އެމެރިކާ-ޔޫކްރެއިން ރީކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ފަންޑުގެ ނަމުގައި ފަންޑެއް އުފައްދާފައިވާ ކަމުގައެވެ. ޔޫކްރެއިންގައި ސުލްޙަ ޤާއިމުކޮށް، އެއީ ސިޔާދަތީ ގޮތުން މިނިވަން އަދި ތަރައްޤީއާއި ކުރިއެރުން ހޯދަމުންދާ ޤައުމަކަށް ހެއްދެވުމަށް ޓްރަމްޕް ބޭނުންވާ ކަން މި އެއްބަސްވުމާ އެކު ހާމަވެގެން ގޮސްފައިވާ ކަމުގައި ބެސެންޓް ސިފަ ކުރެއްވިއެވެ.

"ރައީސް ޓްރަމްޕްގެ ތަސައްވުރަކީ އެމެރިކާގެ ރައްޔިތުންނާއި ޔޫކްރެއިންގެ ރައްޔިތުންނާ ދެމެދު އެކުލަވައިލާފައިވާ މި ގުޅުމަކީ ޔޫކްރެއިންގައި ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމަށް ދެ ޤައުމުން ވެސް ކުރަމުންދާ މަސައްކަތްތައް ހާމަވާވެގެން ދިޔުން. އަދި އިތުރަށް ސާާފުކޮށް ދޭން ބޭނުން، ރަޝިޔާގެ ހަނގުރާމައަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އެއްވެސް ދައުލަތަކަށް ނުވަތަ މީހަކަށް، ޔޫކްރެއިން އަލުން އާރާސްތު ކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތެއް ނޯންނާނެ،" ބެސެންޓް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އެކުލަވައިލާފައިވާ އެއްބަސްވުމުގެ އިތުރު ތަފުސީލު އެމެރިކާއިން ހާމަކޮށްފައެއް ނެތެވެ. ނަމަވެސް، ޔޫކްރެއިންގެ އިޤުތިޞާދާ ބެހޭ ވުޒާރާއިން ބުނީ، އެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން ޔޫކްރެއިންގެ ފަންޑަށް ފައިސާ ޖަމާކުރާނެ ކަމުގައެވެ. އަދި، ހަތިޔާރު ފޯރުކޮށްދިނުމާއި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ފަންޑަށް ހިއްސާ ކުރެވޭނެ ގޮތެއް ކަމުގައެވެ. މީގެ އިތުރުން، ޔޫކްރެއިންގެ މައުދަނީ މުއްސަނދިކަމުން ވިޔަފާރި ކޮށްގެން ލިބޭ ނަފާގެ %50 އެމެރިކާއާ ހިއްސާ ކުރުމަށް އެ ޤައުމުން އެއްބަސްވެފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.

ކުރިއަށް އޮތް 10 އަހަރު ދުވަހުގެ މުއްދަތަކަށް އެ ފަންޑު މެދުވެރިކޮށް ކުރާ ހުރިހާ ހޭދައެއް ވުނޭރު ކުރެވޭނީ ޔޫކްރެއިންގެ ތަރައްޤީއަށް ކަމުގައި ވެސް އެ ޤައުމުގެ އިޤުތިޞާދީ ވުޒާރާއިން ބުންޏެވެ. ނަމަވެސް، އެ ފަދަ ތަރައްޤީގެ މަޝްރޫޢުތަކުން ލިބޭ މާލީ ފައިދާ، ދެ ޤައުމުގެ ދެމެދުގައި ބަހައިލުމަށް ވަނީ އެއްބަސްވެފައެވެ. ފަންޑުން ޚަރަދު ކުރުމުގެ ބާރު ދެ ޤައުމަށް ވެސް ލިބިގެންވާއިރު، މީގެ ކުރިން އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އަސްކަރީ އެހީގެ އަގު، އެ ފަންޑުގައި ހިމެނިފައި ނުވާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.