މިހާތަނަށް ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ބިދޭސީން ޤާނޫނާ ޤަވާއިދުގެ ތެރެއަށް ގެނައުމަށް މިދިޔަ އަހަރުން ފެށިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެއްލައްކަ ފަންސާސް ހާސް ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާކަން ފާހަގަކުރައްވާ ވަޒީރު އިހްސާން ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ. އަދި 3 ވަނަ ފިޔަވަހީގައި މަޢުލޫމާތުތައް ހޯދާފައިވާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް މަގު ފަހިކޮށްދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމަށާއި ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަ ކުރާނެކަމަށް ވިދާޅުވިއެވެ.
ބިދޭސީންނަށް ވަޒީފާ ދިނުމަށްފަހު އިހްމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާނެކަން ފާހަގަކުރައްވާ ވަޒީރު އިހްސާން ވިދާޅުވީ މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެކަމަށެވެ. ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމުގެ ފުރުޞަތު މިދިޔަމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
"ބިދޭސީންނާ ގުޅޭ ޤާނޫނުތައް އެތައް އަހަރެއް ވަންދެން ތަންފީޒް ނުވެ ހުރެ މިހާރު ޤާނޫނުތައް ތަންފީޒް ކުރަމުން މިދަނީ. ތަންފީޒް ކުރަމުންދާ ވަރަކަށް ބިދޭސީންގެ ހައްޤުތައް ކަށަވަރުވެ ރާއްޖޭގައި އޮތް އިޖުތިމާއީ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
އަމާޒަކީ 3 އަހަރުދުވަހުގެތެރޭގައި ބިދޭސީންގެ މިމައްސަލައަށް ހައްލުގެނައުން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިކަން ހާސިލްކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެގޮތުން ބޯޑަރު ހުރަސްކޮށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ފިންގަރ ޕްރިންޓް ކަށަވަރު ކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގައި ގިނަ އަދެއްދެއްގެ މަސައްކަތްތެރިން ގެންގުޅޭ މީހުންނަށް ޚާއްސަކޮށްގެން ޤަވާއިދުން ރެއިޑް އޮޕަރޭޝަން ކުރިއަށްގެންދަން ފަށާނެކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.
ވަޒީރު އިޙްސާން ވިދާޅުވީ މިހަފްތާ ނިމުމަށްފަހު ޤަވާއިދާ ޚިލާފަށް ވިސާ ފީ ނުދައްކާ ފަރާތްތައް ހޯދުމަށްފަހު ޑީޕޯޓްކުރުމުގެ މަސައްކަަތް ފުޅާދާއިރާއެއްގައި ކުރިއަށްގެންދަވާނެކަމަށެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރެއިޑް އޮޕަރޭޝަންތައް އަތޮޅުތެރެއަށްވެސް ފުޅާކޮށްފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.