މާލޭގެ މަޖީދީމަގުގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ރޭ އިންޒާރު ދިނުމަށްފަހު ރޫޅާލާފަވަނީ، ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ރިއާޔަތްކޮށްފައިވަކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު، މަޖީދީމަހުގައި ދުއްވާ އުޅަނދުފަހަރަށް އެ މަގު ބަންދުވާގޮތައް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައްކުރަމުންދާކަމުގެ ޝަކުވާތައް ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުނުކެނޑި ލިބެމުންދިޔަކަމަށެވެ.
މި އިހުތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާގޮތަށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާއްމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިއުމާ ގުޅިގެން، މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވިކަމަށްވެސް ފުލުހުންގެ ޚިދުމަތް ވަނީ ވިދާޅުވެފައެވެ.
މީގެއިތުން މިއަދަކީ ޖީސީއީ އޯލެވެސް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވާތީ، އެކަމަށްވެސް ހުރަސްއެޅެމުންދިޔަކަމުގެ ޝަކުވާ ލިބެމުންދިޔަކަމަށް ފުލުހުން ވިދާޅުވިއެވެ. އެކި ރޭ މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ޤާނޫނީ އިންޒާރުދިނުމަށްފަހު، ރޭ ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާ އެއްވުން ރޫޅާލާފައެވެ.
މި ފިޔަވަޅަކީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް އެޅި ފިޔަވަޅެއްކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ރޭގެ އެއްވުމުގެތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާ އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރިކަމުގެ ތުޙުމަތުގައި ދެ މީހަކުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ބަގީޗާގެ / ނ.ކުޑަފަރި، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.
މި އިޙުތިޖާޖަކީ މިދިޔަ މަހުގެ 18ވަނަ ދުވަހު، ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮތް މައްސަލައިގައި، އިންސާފު ހޯދުމަށްކަމަށްބުނެ ބައެއް ޒުވާނުން ނުކުމެ ކުރަމުންދާ އިޙުތިޖާޖެކެވެ.