ޔަހޫދީންނަށް ވާގިވެރިވާ ވިޔަފާރިތަކަށް އަމާޒުކޮށް ޙަމަލާތަކެއް ދިން ކަމުގެ ކުށް ސާބިތުކޮށް، އުރުދުންގެ ރައްޔިތަކާ ދެކޮޅަށް އެމެރިކާގެ ކޯޓަކުން ހަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް (ޑީއޯޖޭ)ން ދަޢުވާ އުފުލާފައި ވަނީ 44 އަހަރުގެ އުރުދުންގެ ރައްޔިތެއް ކަމުގައިވާ ހާޝިމް ޔޫނުސް ހާޝިމް ހިނަޔިހީނާ ދެކޮޅަށެވެ. ޑީއޯޖޭން ބުނީ، ހިނަޔިހީނަކީ އެމެރިކާއަށް ނުޤަވާޢިދުން ހިޖުރަކޮށް، ފްލޮރިޑާ ސްޓޭޓްގެ އޯލެންޑޯގައި ނުޤަވާޢިދުން ދިރިއުޅެމުންދާ މީހެއް ކަމުގައެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، އެމެރިކާގައި ދިރިއުޅޭ އެކި ދީންތަކުގެ މީހުންނަށް އޮތް ނުރައްކާތެރި ކަން ފަހުގެ ތާރީޚެއްގައި އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ. އަދި، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކު، އެމެރިކާގައި ދިރިއުޅޭ މުސްލިމުންގެ ފުރާނައަށް އޮތް ނުރައްކާތެރި ކަން އިތުރުވެފައިވާ ކަމުގައެވެ. މުސްލިމުންގެ އިތުރުން އެމެރިކާގައި ދިރިއުޅޭ ޢަރަބި އެހެން ޤައުމުތަކުގެ ރައްޔިތުންނާއި ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ނުރައްކާތެރި ކަން ވެސް ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ.
ޑީއޯޖޭން ބުނީ، ހިނަޔިހީނާ ދެކޮޅަށް ދަޢުވާ އުފުލާފައި ވަނީ ފްލޮރިޑާގެ ވެޖްފީލްޑްގައި ހުރި އަވިން ހަކަތަ އުފައްދާ މަރުކަޒަކަށް ނުޤަވާޢިދުން ވަދެ، މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމުގެ ކުށުގައެވެ. އޭނާ އެ ތަނަށް ވަދެ ޙަމަލާ ދީފައި ވަނީ 2024ވަނަ އަހަރުގެ ޖޫން މަހުއެވެ. އެ ތަނަށް ދީފައިވާ ގެއްލުމުގެ އަގު 450,000 އެމެރިކާ ޑޮލަރަށް އަރާ ކަމުގައި ޑީއޯޖޭން ބުންޏެވެ.
މީގެ އިތުރުން، ޔަހޫދީންނަށް ވާގިވެރިވާ ކަމަށް ބެލެވޭ އެހެން ވިޔަފާރިތަކަށް އަމާޒުކޮށް ޙަމަލާދީ، ގެއްލުން ދޭނެ ކަމުގެ އިންޒާރު ހިނަޔިހީން ދީފައިވާ ކަމުގައި ވެސް ޑީއޯޖޭން ބުންޏެވެ. ހިނަޔިހީން ހައްޔަރު ކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި، އޮގަސްޓު މަހު ޑީއޯޖޭން ވަނީ އޭނާއާ ދެކޮޅަށް ދަޢުވާ އުފުލާފައެވެ. ޑިސެންބަރު މަހު ބޭއްވި އަޑުއެހުމެއްގައި ހިނަޔިހީން ވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތަކަށް އެއްބަސްވެފައެވެ.
ހިނަޔިހީންގެ އަމަލުތަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރިޢަތުގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. "އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ކަމުގެ އަމަލުތައް ހިންގުމުގެ އިންޒާރުދީ، ވިޔަފާރީތަކާއި އެހެނިހެން މުއައްސަސާތަކަށް ގެއްލުން ދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" ފްލޮރިޑާގެ މިޑްލް ޑިސްޓްރިކްޓުގެ އެޓަރނީ ގްރެގަރީ ޑަބްލިޔު ކެހޯއި ވިދާޅުވިއެވެ.
ކޯޓުގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި، ހިނަޔިހީން ވަނީ ފްލޮރިޑާގެ އަމިއްލަ ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ގޮތުން، ދަންވަރުގެ ވަގުތު، މޫނު ނިވާކޮށްގެން، ވިޔަފާރީތަކުގެ ބިއްލޫރި ދޮރުތަކާއި ކުޑަދޮރުތަކަށް އޭނާ ގެއްލުންދީފައިވާ ކަމުގައި ޑީއޯޖޭން ބުނެފައިވެއެވެ. އަދި، އެމެރިކާގެ ޢާންމު ރައްޔިތުންނަށް ރައްދުކޮށް އިންޒާރުގެ ބަސްތައް ލިޔެފައިވާ ސިޓީތަކެއް އޭނާ ވަނީ އެ ވިޔަފާރިތަކާއި ފިހާރަތަކަށް ދޫކޮށްލާފައެވެ. އަދި، ގޮވާތަކެތި ބޭނުންކޮށް އިތުރު ޙަމަލާތައް ދޭނެ ކަމުގެ އިންޒާރު އެ ސިޓީތަކުގައި އޭނާ ދީފައިވާ ކަމުގައި ވެސް ޑީއޯޖޭން ބުންޏެވެ.
ހިނަޔިހީންގެ އިންޒާރުތައް އަމާޒު ކޮށްފައި ވަނީ، ޒަޔަނިސްޓު ޔަހޫދީންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، އަދި ޔަހޫދީންގެ ޤަތުލުޢާންމާއި ލާއިންސާނީ ޖަރީމާތަކަށް ތާޢީދުކޮށް، ހިތްވަރު ދެމުންދާ އެމެރިކާގެ ކުންފުނިތަކާއި ވިޔަފާރިތަކާ ދެކޮޅަށެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ޤަތުލުޢާންމު ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. އެ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ، އަދި ބައިވެރިއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.