ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް!


  • މި އަހަރު ރާއްޖެ އޮތީ 104 ވަނައިގައި

ކޮންމެ އަހަރެއްގެވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި މިދިޔަ އަހަރަށްވުރެ މި އަހަރު ރާއްޖެ 2 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްގައި މި އަހަރު ރާއްޖެ އޮތީ 104 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 106 ވަނައިގައެވެ. ރާއްޖެ ހިމެނެނީ މިނިވަންކަމާ އެކު ނޫސްވެރިކަންކުރަން އުނދަގޫ ޤައުމުތަކުގެ ތެރޭގައެވެ.

މިފަހަރުގެ އިންޑެކްސްގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަށް ޖެހިލާފާވާއިރު، މިދިޔަ ސަރުކާރުގައި މި އިންޑެކްސްގައި ރާއްޖެ ވަނީ ފަހަތަށް ޖެހިފައެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 13 ދަރަޖަ ފަހަތަށް ޖެހުނެވެ.

ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ކުރިއަރަމުން އަންނައިރު، ނޫސްވެރިންގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަޢުލޫމާތު ހާމަކުރުމުގެ ސަގާފަތެއް މި ސަރުކާރުން ދަނީ ގެންގުޅެމުންނެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެކިއެކި ޕްލެޓްފޯމްތަކުގައި ސަރުކާރުން ދަނީ ހާމަކުރައްވަމުންނެވެ. އަދި ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ރައްޔިތުންނާ ގާތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގުރާމްތައްވެސް ދަނީ ކުރިއަށްގެންދަވަމުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިން ބޭނުންވާ ސުވާލެއް ކުރުމުގެ ފުރުޞަތު، މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ދެއްވާނެ ކަމަށެވެ. މިކަމުންވެސް ނޫސްވެރިންނަށް މަޢުލޫމާތު ހާމަކޮށްދީ، ނޫސްވެރިންގެ މިނިވަންކަން ކަށަވަރުކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ހާމަވެއެވެ.