ކުޅިވަރު

ރެއާލްގެ ފަހަތަށް ބެންފީކާގެ ކަރެރާސް ގެންނަނީ


ރެއާލް މެޑްރިޑުގެ ވާތު ބެކުގެ ޕޮޒިޝަނަށް ބެންފީކާއަށް ކުޅެމުން އަންނަ ސްޕެއިންގެ އަލްވާރޯ ކަރެރާސް ގެނައުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

މި ސީޒަނުގައި ނަތީޖާ ގޯސްވެފައިވާ ރެއާލް މެޑްރިޑުގެ ފަހަތުން އެންމެ ބޮޑަށް ހާ އަޅާ ތަނަނީ ވާތު ބެކްގެ ޕޮޒިޝަނެވެ. އެކުލަބުން ކުރިން ވިސްނައިގެން ތިބީ ބަޔާން މިއުނިކްގެ އަލްފަންސޯ ޑޭވީސް ގެނައުމަށެވެ. ނަމަވެސް އޭނާ ނުލިބޭނެކަން ޔަގީންވުމުން ރެއާލް މިހާރު ވިސްނަމުންދަނީ ކަރެރާސް އަށެވެ. ބެންފީކާއިން އޭނާ ގަތުމަށް ރެއާލް މެޑްރިޑުން 60 މިލިއަން ޔޫރޯ ހަރަދު ކުރަންޖެހޭނެ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ.

ނަމަވެސް ރެއާލްއިން މިވަގުތު މަސައްކަތް ކުރަމުންދަނީ މި އަގު ކުޑަކުރުމަށެވެ. އަދި މި އަށް ވުރެ އަގުހެޔޮކޮށް ކުޅުންތެރިޔާ ގަނެވޭނެ ކަމަށް ރެއާލްގެ އިސް ވެރިން ޔަގީން ކުރަމުންދާ ކަމަށްވެ އެވެ.

ކަރެރާސް ބެންފީކާ އަށް ސޮއިކުރީ އެންމެ ހަ މިލިއަން ޔޫރޯ އަށެވެ. އެއީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މިހެންވެ ޔުނައިޓެޑުން ބޭނުންވާނަމަ ކުޅުންތެރިޔާ 18 މިލިއަން ޔޫރޯގެ ފީ އަކަށް ގަނެވިދާނެ އެވެ. ނަމަވެސް މި ދޭތެރެ އަށް ރެއާލް މެޑްރިޑް ވަންނަ އެއް ސަބަބަކީ ކަރެރާސް އަކީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ރެއާލްގެ އެކަޑަމީގެ ކުޅުންތެރިއަކަށްވާތީ އެވެ.

ރެއާލްއިން ވިސްނާ ގޮތުގައި ކަރެރާ އަކީ ޔުނައިޓެޑްގެ މިހާރުގެ ޕްލޭނުގައި ހިމެނޭނެ ކުޅުންތެރިއެއްނޫނެވެ. މިހެންވެ ރެއާލް އަށް 22 އަހަރުގެ ކުޅުންތެރިޔާ 30 ނުވަތަ 35 މިލިއަނާ ދޭތެރޭގެ އަގެއްގައި ގަނެވިދާނެ އެވެ. އެކަމަކު ޔުނައިޓެޑުން 18 މިލިއަން ދީފައި ކުޅުންތެރިޔާ އަލުން ގަތުމަށްފަހު މީގެ ދެ ގުނަ ފައިދާގައި އޭނާ ވިއްކާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ކަރެރާ ވިއްކާލަން ބެންފިކާއިން އޭނާގެ ކޮންޓްރެކްޓްގައި ހިމަނާފައިވާ އަގަކީ 42 މިލިއަން ޔޫރޯ އެވެ.

އޭނާގެ ކުޅުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ލޮލުގައި އަލައިގަތީ މި ސީޒަނުގަ އެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ މޮޅަށް ކުޅުމުންނެވެ. މި ސީޒަނުގައި އޭނާ ވަނީ ބެންފީކާ އަށް47 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދީ ފަސް ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އޭނާގެ އެންމެ ހާއްސަ އެއް ކަމަކީ ފަހަތަށް ކުޅެމުން އެޓޭކްގައި ބައިވެރިވުމާއި ބަރާބަރު ހުރަސްތައް ނަގައިދިނުމެވެ.