ކުޅިވަރު

ބާސެލޯނާ ޓީމަށް ބޮޑު ބަދަލެއް ގެންނަނީ، ކީޕަރަށް ކުޅޭނީ ޓާ ސްޓެގަން


ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ސްޕެނިޝް ލީގުގައި މިރޭ ކުޅޭ މެޗަށް ބާސެލޯނާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކޯޗު ހަންސީ ފްލިކް ނިންމައިފިއެވެ.

މި ގޮތުން ތާވަލުގެ ފުލުގައި އޮވެ ރެލިގޭޓްވެފައިވާ ޓީމާ ދެކޮޅަށް ގޯލު ބަލަހައްޓާނީ ކެޕްޓަން މާކް-އަންދްރޭ ޓާ ސްޓެގަންއެވެ. އޭނާ އަކީ މި ސީޒަނުގެ ކުރީކޮޅު އަނިޔާވި ކުޅުންތެރިއެކެވެ. މުޅިން ފިޓްވެގެން އެނބުރި އައިސް އޭނާ ކުޅޭ ފުރަތަމަ މެޗަކީ މިއީއެވެ.

ޓާ ސްޓެގަންގެ އިތުރުން މި މެޗުގައި ފޯވާޑް ލައިނުގައި ކުޅޭނީ ޒުވާން ފޯވަޑް ޕައު ވިކްޓަރ އާއި އަންސޫ ފަޓީއެވެ. މީގެ އިތުރުން މެދުތެރެއިން ގަވީ ފެނިގެންދާނެއިރު، ފަހަތުން ޖެރާޑް މާޓިން އާއި އަންދްރޭސް ކްރިސްޓަންސެންވެސް މި މެޗުގެ ފުރަތަމަ އެގާރައިގައި ކުޅޭނެއެވެ.

ކޯޗު ހަންސީ ފްލިކް ބުނީ މި ބަދަލުތައް ގެނައުމަށް ނިންމީ ބުދަ ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަރ މިލާނާއެކު ކުޅުނު މެޗަށްފަހު ވަރަށް ގިނަ ކުޅުންތެރިން ވަރުބަލިވެފައި ތިބުމުގެ ސަބަބުން ކަމަށެވެ.

"އަހަރުމެން އަތުގައި ތަފާސް ހިސާބުތައް އެބަހުރި. އަދި އަހަރުމެންގެ ޑޮކްޓަރުން ވެސް އެދަނީ އެމީހުންގެ ހިސާބު ހަދަމުން. އަހަރެންނަށް ހީވަނީ އިންޓަ މެޗަށް ފަހު ކުޅުންތެރިން އެތިބީ ވަރަށް ބޮޑަށް ވަރުބަލި ވެފައިހެން . ކޫންޑޭ ވެސް މިހާރު އެހުރީ އަނިޔާގައި. މިހެންވެ ކުޅުންތެރިން އަރާމު ކުރަން ވަގުތު ލިބެން ޖެހޭ ކަމަށް އަހަރެން ދެކެނީ،" ފްލިކް ބުންޏެވެ.

ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކު އޮތް ޓީމު މި މެޗަށް ނުކުންނައިރި ކޯޗު ބުނީ ކީޕަރު ބަދަލުކުރަން ވިސްނީ ދެ ސަބަބަކާ ހުރެ ކަމަށެވެ.

"އުސޫލެއްގެ ގޮތުން ކީޕަރަށް އެހާ ކަމުދާ ކަމެއްނޫން ބަދަލު ގެނައުމަކީ. އެކަމަކު އަހަރެންނަށް ހީވަނީ (އެއްވަނަ ކީޕަރު ވޮޝްނިއާ) ޝެޒްނީ މިވަގުތު އަރާމު ކުރަން ބޭނުންވާހެން. ދެން މާކް (އަންދްރޭ ޓާސްޓެގަން) އެ ހުރީ މިހާރު މުޅިން ފިޓްވެފައި. އެހެންވީމާ އޭނާ އަށް ފުރުސަތު ދޭން އަހަރެން މި ނިންމީ މި މެޗުން،" ކޯޗު ބުންޏެވެ.

މި މެޗަށް ފަހު ބާސެލޯނާ ތައްޔާރުވާނީ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާނުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗަށެވެ. އެ މެޗަކީ މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި 3-3 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހޭ މެޗެކެވެ.