ޚަބަރު

ވުލްވްސް ބަލިކޮށް ސިޓީ ތިންވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ތިންވަނަ މަގާމު މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

މި މެޗުން ސިޓީ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން 64 ޕޮއިންޓާއެކު ތިންވަނަ މަގާމު ލިބިފައެވެ. މި މެޗުން ބަލިވި ވުލްވްސްއަށް ލިބިފައިވާ 41 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގައެވެ. ސިޓީން އެއް މެޗު އިތުރަށް ކުޅެފައިވާއިރު، މި ހަފުތާގައި އެހެން ޓީމުތައް ކުޅޭ މެޗުތަކަށްފަހު ތާވަލަށް ބަދަލު އައުކީ އެކަށީގެންވާ ކަމެކެވެ. ގަދަ ފަހަކަށް ވާދަކުރާ ނިއުކާސަލް ޔުނައިޓެޑަށް 62 ޕޮއިންޓް ލިބިފައިވާއިރު، ނޮޓިންހަމް ފޮރެސްޓާއި ޗެލްސީއަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 35 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖެރެމީ ޑޮކޫ ނަގައިދިން ހުރަހަކުން ކެވިން ޑި ބްރޭނާއެވެ. މި ސީޒަނަށްފަހު ސިޓީ ދޫކޮށްލާނެކަން ކުރިން އިއުލާންކޮށްފައިވާ ޑި ބްރޭނާ، މިއީ ސިޓީގެ ދަނޑުގައި ކުޅޭނެ އެންމެ ފަހު ދެ މެޗުގެ ތެރެއިން އެއް މެޗެވެ. އޭނާ މި ދަނޑުގައި ކުޅޭނެ ފަހު މެޗަކީ މެއި 21 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ބޯންމަތާ ދެކޮޅަށް ކުޅޭ މެޗެވެ.

ސިޓީން ލަނޑު ޖެހުމުގެ ކުރިން ވުލްވްސްއިން ވަނީ އެ ޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް މި ލަނޑާއެކު ސިޓީގެ ކުޅުން ވަނީ އިތުރަށް ވަރުގަދަކޮށް ވުލްވްސްގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. މި މެޗުގައި ވުލްވްސްގެ މަތިއަސް ކޫނިއާ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ރަޔާން އައިޓްނޫރ ފޮނުވާލި ހަމަލާ ގޯލުގެ ރޮނގު ހުރަސް ކުރުމުގެ ކުރިން ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ވަނީ ދިފާއުކޮށްފައެވެ.

މި މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފައިވަނީ މި ސީޒަނުގައި އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް، މި ފަހުން އެ ޓީމު ކުޅުނު މެޗުތަކުގައި ހޯދިފައިވާ ނަތީޖާ ތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"މި ސީޒަން މިދިޔައީ އެންމެ ރަގަޅަކަށް ނޫން. ނަމަވެސް މި ފަހުން ކުޅުނު މެޗުތަކުގައި ހޯދުނު ނަތީޖާ އާއިމެދު ހިތްހަމަޖެހޭ. އެގޮތުން އެފްއޭ ކަޕްގެ ފައިނަލުން ފުރުސަތު ލިބިފައިވާއިރު ތާވަލުގެ ތިންވަނަ މަގާމް މިހާރުވަނީ ލިބިފަ." ގަޑިއޯލާ ބުންޏެވެ.

އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ސިޓީ ބަލިވެފައެއް ނުވެއެވެ.