ޚަބަރު

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ތާރީޚުގައި ނިންމުނު ފަޚުރުވެރި ނިންމުމެއް: ރައީސް


  • ރާއްޖޭން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައިކަން ރައީސް ފާހަގަކުރެއްވި

  • އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރީ މިދިޔަމަހުގެ 15ގައި

އިސްރާއީލް ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ ތާރީޚުގައި ނިންމުނު ފަޚުރުވެރި ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހިން އިސްކުރުންކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދެމެހެއްޓުންކަމަށާއި، ދިވެހިންނާއި ރާއްޖެއަށް ފައިދާވާކަންކަމުގައި ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުންކަމަށެވެ.

"މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް ޕޮލިސީ". މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަސްލަހަތު އިސްކުރުން. ދިވެހިންގެ މިނިވަންކަމާ، ސިޔާދަތީ ބާރު ހިމާޔަތްކޮށް ދެމެހެއްޓުން. އަދި މި ހަމައިގެ މަތީގައި ހުރިހާ ޤައުމަކާ ގާތް ގުޅުމެއް ބޭއްވުން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމެވި ނިންމެވުމަކީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އަދި ރާއްޖޭގެ ތާރީޚުގައިވެސް އެޅުނު ފަޚުރުވެރި ނިންމުމެއްކަމަށެވެ. އަދި ރާއްޖޭން އަބަދުވެސް ތިބޭނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ ފަޚުރުވެރި ނިންމުމެއް. އެއީ އަޅުގަނޑުމެން ފަހުރުވެރިކަމާއެކު ނިންމި ނިންމުމެއް." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. އެމަނިކުފާނު މި ބިލު ތަސްދީޤުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.