ޚަބަރު

70އަށްވުރެ ގިނަ ބޭހަކުން %15 ފައިދާ ލައިގެން ވިއްކޭގޮތަށް ހަމަޖައްސައިފި


  • އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ

  • އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވޭ

ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމަވާ، އަގު ކޮންޓްރޯލްކުރި 70އަށްވުރެ ގިނަ ބޭހަކުން %15 ފައިދާ ލައިގެން ވިއްކޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ސަރުކާރުން މިގޮތަށް ނިންމެވީ ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ބޮޑެތި ފައިދާ ނަގަމުންދިޔަ ދިޔުން ހުއްޓުވުމަށް އެޅުއްވި ފިޔަވަޅު ލުއިކޮށްދެއްވާ، ބޭސް އެތެރެކުރާ ފަރާތްތަކަށް ފައިދާއެއް ލިބޭނެގޮތެއް ހެދުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން 77 ބާވަތެއްގެ ބޭހަކަށް %15 ފައިދާއެއް ލެވޭގޮތަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާސަންދަ ރިފޯމްގެ ތެރެއިން 1،000 އާއި 2،000 އިންސައްތަ އާއި ދެމެދުގެ ފައިދާ ލައިގެން އާސަންދައަށް ބިލްކުރަމުން ދިޔުން ހުއްޓުވުމަށް ސަރުކާރުން ބޭހުގެ އަގުތައް ކުޑަކުރި ކަމަށެވެ. މިއާއެކު ބޭސް އެތެރެކުރާ ބައެއް ފަރާތްތަކުން ބޭސް އެތެރެކުރުމުގައި ސަރުކާރަށް ދަތިވާނެހެން ބޭސް ގެނައުން ހުއްޓާލި ކަމަށާއި ބޭހުގެ ދަތިކަން ކުރިމަތިވީ އެ ސަބަބާ ގުޅިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭހުގެ ކަންކަން ހައްލުކުރުމަށް އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއް ފިޔަވާ ދެން ހުރިހާ ބޭހެއް ގެނެސް އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ފޮނުވާފައިވާކަމަށެވެ. އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 1207 ބޭހުގެ ތެރެއިން 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި ބާކީ ހުރި 308 ބޭހަށް އޯޑަރުދީފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އަގު ކޮންްރޯލްކުރި ބައެއް ބޭސްތަކުން 15 ޕަސެންޓު އިތުރުކޮށްދީ، 77 ބޭހަކުން ބޭސް ގެންނަން ވިޔަފާރިވެރިންނަށް ލުއިދީފައިވާ ކަމަށާއި މިއީ ބޭސް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.