ޚަބަރު

ސިފައިންގެ ބޭސްފަރުވާގެ އުޞޫލަށް ހެޔޮ ބަދަލުތަކެއް ގެންނަވައިފި


ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ބޭސްފަރުވާކުރުމުގެ އުޞޫލުތަކަށް ހެޔޮބަދަލުތަކެއް ސަރުކާރުން ގެންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު މިކަމަށް ހެޔޮ ބަދަލެއް ގެންނަވައިފިކަން މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވަނީ ހާމަކުރައްވާފައެވެ. ޑިފެންސް ފޯސްއިން ހާމަކުރައްވާ ގޮތުގައި މިއީ ސިފައިންގެ ލީޑަރޝިޕުން ސިފައިންގެ ވެލްފެއަރ ކަންކަން ރަނގަޅުކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުގެތަކުގެ ތެރެއިން ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ދެމުންގެންދާ ޞިއްޙީ ފަރުވާގެ އުސޫލުތަކަށް ގެންނެވި މުހިންމު ބަދަލެއްކަމަށެވެ.

ޑިފެންސް މިނިސްޓަރު ގެންނެވި މިބަދަލުތަކުގެ ތެރޭގައި އެމްއެންޑީއެފް ސެނެހިޔާ ހޮސްޕިޓަލުން ދެވެން ނެތް ޚިދުމަތްތައް، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ އެހެން ތަންތަނުން ފަސޭހަކަމާއެކު ލިބޭނެގޮތް ހަމަޖެއްސެވުމާއި، އާސަންދައިގެ ދަށުން ހަމަނުޖެހޭ ބޭސްފަރުވާވެސް ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ކުރެވޭނެގޮތް ހަމަޖެއްސެވުމާއި، ޞިއްޙީ ކުއްލިފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުން ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މީގެ އިތުރުން، އަމިއްލަ ހޮސްޕިޓަލުތަކުންނާއި ކުލިނިކުތަކުން ފަރުވާ ހޯދޭނެ އުޞޫލުތައް ހަމަޖެއްސެވުމާއި، އަދި ތަފާތު ޓެސްޓްތައް ކުރެވޭނޭ ގޮތް ހެއްދެވުމާއި، އެކިއެކި އޮޕަރޭޝަންތައް ރާއްޖެއިން ކުރެވޭނެ ގޮތްތަކާއި، އަދި އާސަންދައިގެ ދަށުން ނުކުރެވޭ ބޭސްފަރުވާގެ ޚިދުމަތްތައް ހަމަޖައްސަވައިދެއްވުން ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުން ކޮންމެހެން ކުރަންޖެހޭ ބޭސްފަރުވާގެ ޚިދުމަތްތައް ރަނގަޅުކުރުމާއި ޑޮކްޓަރުގެ ލަފާގެމަތިން ނަންބަރު އައިނު ހެއްދުމާއި މެޑިކަލް ޗެކަޕް ހެއްދުމާއި ގާޑްފަދަ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުންވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ދަތުގެ ފަރުވާއާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ކޮޓަރި ކުލި ހަމަޖެއްސެވުމާއި ވިހެއުމާއި ޚިތާނުކުރުން ފަދަ ކަންކަމަށް ބޭނުންވާ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ އުޞޫލުތައްވެސް މިގެންނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނޭކަމަށް އެ ފަރާތުން ވިދާޅުވެއެވެ.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ބޭސްފަރުވާއަށް މިގެންނެވި ބަދަލުތަކުގެ ސަބަބުން ދިވެހި ސިފައިންގެ ވެލްފެއަރއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ޤަބޫލްފުޅު ކުރައްވާކަމަށް އެމްއެންޑީއެފްގެ ވެބްސައިޓްގައި ބަޔާންކުރައްވާފައިވެއެވެ.