ކުޅިވަރު

ވައި.ޕީ ވެޓަރަންސް ފުޓްސަލް: ކަނޑުމައްޗާއި އާރް.ކޭއަށް ފަސޭހަ މޮޅެއް


ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ރިލެކްސް ފެރީ ސަރވިސް ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ރޯޔަލް ނައިޓްސް އާއި ކޭ.ކޭ ކަނޑުމަތި ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ދެޓީމުންވެސް ބޮޑުކޮށްފިއެވެ.

ރޭކުޅުނު ފުރަތަމަ މެޗުގައި ރޯޔަލް ނައިޓްސް ސްޕޯޓްސް ކްލަބް ނިކުތީ އޯލްޑް ސަޓަރސް އާއި ދެކޮޅަށެވެ. މިމެޗުގައި މަތިވެރިއަށް ނިސްބަތްވާ އާރް.ކޭ އިން ކާމިޔާބުކުރީ 10-3 ނެވެ.

މިމެޗުގައި އާރް.ކޭގެ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ 5 ލަނޑު ޖަހާ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ. މިވަގުތު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމްގައި އޮތީވެސް ދަގަނޑޭއެވެ. ދަގަނޑޭގެ އިތުރުން ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލްކީޕަރު މުހައްމަދު އިމްރާން (މޯޑް) ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.

އޯލްޑް ސްޓަރސްއިން މިމެޗުގައި ޖެހި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ލަރީފް (ރޮނާބެ) އެވެ.

މިނަތީޖާއާއެކު އާރް.ކޭ ވަނީ ކުޅުނު ތިން މެޗުން 4 ޕޮއިންޓް ހަމަކޮށް ލީގުގައި ކުރިއަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފައެވެ. އެޓީމަށް ކުރިއަށް އޮތް މެޗުން ދެން ބޭނުންވަނީ 3 ޕޮއިންޓެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކޭ.ކޭ ކަނޑުމަތިވެސް ވަނީ 10 ލަނޑު ޖަހާފައެވެ. މަތިވެރި ސްޕޯޓްސް ކުލަބާއި ބައްދަލުކުރި މިމެޗު ކަނޑުމަތިން ކާމިޔާބުކުރީ 10-2 ނެވެ.

މިމެޗުގައި ކަނޑުމަތި ޓީމުގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އާއި ހުސެއިން ސޮލާޙް (ހައްޓެ) ވަނީ ކޮންމެ ކުޅުންތެރިއެއް ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ޝަފްލޭއެވެ.

ކަނޑުމަތި ޓީމަށް ލީގު ބުރުގެ މެޗުތައް ނިމުނު އިރު އެޓީމަށް ކުޅުނު 4 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. ލީގު ބުރުގެ ދެވަނާގައި ކަނޑުމަތީ އޮތީ އޯލްޑް ސްޓަރސް އާއި އެއްވަރަށް ޕޮއިންޓް ހޯދައިގެން ގޯލްގެ ތަފާތުން ކުރި ލިބޭތީއެވެ.

އޯލްޑް ސްޓަރސް 6 ޕޮއިންޓާއެކު ތިން ވަނާގައި އޮތް އިރު ޕްލޭއޯފް ޔަގީންކުރަން މިރޭ ކުޅޭ މެޗުން އެޓީމަށް ޕޮއިންޓެއް ބޭނުންވެއެވެ. އަދި މިހާރު ލީގުގެ އެއްވަނާގައި އޮތް އަފީންސް އާއި ބައްދަލުކުރާ މިމެޗުން މޮޅުވެގެން އެއްވަނާގައި ސީދާ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތުވެސް އެޓީމަށް އެބައޮތެވެ.

އަނެއްކޮޅުން އާރް.ކޭ މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މިހާރުވެސް އެއްވެސް މެޗަކުން މޮޅު ނުވެ ލީގުގެ ފުލުގައިއޮތް މަތިވެރި ސްޕޯޓްސް ކްލަބާއެވެ. މިމެޗުން ތިން ޕޮއިންޓް ހޯދައިގެން އާރް.ކޭއަށް ޕްލޭ އޯފް ޖާގައެއް ޔަގީންކުރެވޭނެއެވެ.

މިމުބާރާތް ކުޅެވިގެންދަނީ ލީގު އުސޫލުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާގޮތަށެވެ. އަދި ދެވަނަ އާއި ތިން ވަނަ ފައިނަލުން ޖާގައެއް ހޯދުމަށް ޕްލޭ އޯފް މެޗެއް ކުޅެންޖެހޭނެއެވެ.