ޚަބަރު

ކާށިދޫގައި އޭއެފްސީ "ސީ" ލައިސަންސް ކޯހެއް ކުރިޔަށްދަނީ


އެމްޖީ ސްޕޯޓްސް ކުލަބާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ކުޅިވަރާއި ބެހޭ ވުޒާރާ، ކާށިދޫ ކައުންސިލް އަދި ޑަބްލިޔުޑީސީގެ އިތުރުން ނެޝަން އިސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ގުޅިގެން ކ.ކާށިދޫގައި އޭއެފްސީ "ސީ" ލައިސަންސް ކޯޗިންގ ކޯހެއް ކުރިޔަށް ކުރިއަށްގެންދަން ފަށައިފިއެވެ.

28 އެޕްރީލް 2025 އިން 9 މެއި 2025 ގެ ނިޔަލަށް ޖުމްލަ 30 ބައިވެރިންނާއެކު ކ.ކާށިދޫގައި ކުރިއަށް ގެންދާ މިކޯހުގައި ކިޔަވާދެއްވަނީ އޭއެފްސީ "އޭ" ލައިސަންސް ހާސިލްކޮށްފައިވާ ތަޖުރިބާކާރު ދިވެހި ދެ ކޯޗުން ކަމަށްވާ އަހުމަދު އަޒްމީ އަދި އަލީ ނިސްތާރެވެ. މި ކޯސް ކުރިޔަށްދަނީ ފީފާގެ ސީނިއާ އެސެސަރ، ސާވިއޯ މެޑެއިރާގެ ބައިވެރިވުމާއެކުގައެވެ. އޭނާއަކީ އިންޑިއާގެ ގައުމީ ޓީމުގައި މަސައްކަތް ކުރާ ކޯޗެކެވެ. އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ.

އެމްޖީ ސްޕޯޓްސް ކުލަބުން ބުނީ ކާށިދޫގައި މިފަދަ ކޯހެއް ބޭއްވުމުގެ މަގްސަދަކީ ފުޓްބޯޅައިގެ ހުނަރުވެރި ކޯޗުންތަކެއް އެރަށުގައި ބިނާކުރުން ކަމަށާއި އުންމީދަކީ މި ކޯހުގެ ސަބަބުން ކާށިދޫގައި ހުނަރުވެރި ފުޓްބޯޅަ ކޯޗުން ތަމްރީނުވެ ކާށިދޫގެ ޒުވާނުންނަށް މިދާއިރާއިން ކުރިޔަށް ދިއުމުގެ ފުރުސަތު ފަހިވެގެން ދިއުންކަމަށެވެ.

މިކޯހުގައި ކިޔަވައިދޭ އެއް ކޯޗު އަލީ ނިސްތާރު ބުނީ ސީ ލައިސަން ކޯހުގައި ބައިވެރިވާ ކޯޗުންނަށް ލީޑަރޝިޕާއި ޑިސިޕްލިން ވަރަށް ރަނގަޅަށް ދަސްވެގެންދާނެ ކަމަށެވެ. އަދި އާ ކޯޗުންގެ ފަރާތުން ރަށްރަށުގެ ޒުވާނުންނަށް ފުޓްބޯޅައިގެ އިތުރުން ދަސްވާ ކަންކަމުގެ ސަބަބުން މުޖުތަމައުގައި ހުރި ނޭދެވޭ ކަންތައްތަކުން ސަލާމަތްވެގެންދާނެ ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.