ޚަބަރު

ޕާކިސްތާނާ އެކު ފެން ޙިއްސާ ކުރުމުގެ އެއްބަސްވުން މަޑުޖައްސާލައި، އިންޑިޔާއިން ފެން ރައްކާކުރުމުގެ މަސައްކަތް ފަށައިފި


އިންޑިޔާގެ ކަޝްމީރުގައި ޓޫރިސްޓުން ތިބި ސަރަޙައްދަކަށް ދިން ޙަމަލާއާ ގުޅިގެން، ޕާކިސްތާނާ ދެމެދު އޮންނަ ނުތަނަވަސްކަން ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި، ޕާކިސްތާނާ އެކު ހަދާފައި އޮތް ފެން ޙިއްސާ ކުރުމުގެ މުހިންމު އެއްބަސްވުމަށް ޢަމަލުކުރަން މަޑުޖައްސައިލުމަށްފަހު، ފެން ރައްކާކުރުމުގެ އަމިއްލަ މަޝްރޫޢުތަކެއް އިންޑިޔާއިން ފަށައިފިއެވެ.

އިންޑިޔާ ސަރުކާރުގެ ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފައިވާ ގޮތުގައި، ހިމާލަޔާ ފަރުބަދަތީ ސަރަޙައްދުގައި ހުރި ހައިޑްރޯއިލެކްޓްރިކް ނުވަތަ ފެނުން ކަރަންޓު އުފައްދާ ދެ މަޝްރޫޢުއަށް ބޭނުންވާ ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މިއީ، ޕާކިސްތާނާ އެކު 1960 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ފެން ޙިއްސާކުރުމުގެ އެއްބަސްވުމުގެ ބޭރުން ޢަމަލުކުރަން އިންޑިޔާއިން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.

މި މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.

މި ކަމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރަށް ހޫނުވެފައިވާއިރު، އިންޑިޔާއިން ވަނީ ޕާކިސްތާނުގެ ދަނޑުބިންތަކުގެ 80 ޕަސެންޓަށް ފެން ފޯރުކޮށްދިނުމުގެ މި އެއްބަސްވުމަށް ޢަމަލުކުރުން މަޑުޖައްސާލައިފައެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުން ވަނީ އިންޑިޔާގެ މި ނިންމުމާ ދެކޮޅަށް ބައިނަލްއަޤުވާމީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ޕާކިސްތާނުގެ ޙިއްސާ އޮތް ފެނަށް ހުރަސްއެޅުމަކީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުމުގެ ޢަމަލެއްގެ ގޮތުގައި ވެސް ވަނީ ސިފަކޮށްފައެވެ.

ފެން ޙިއްސާ ކުރުމުގެ އެއްބަސްވުމަށް ޢަމަލުކުރުން މަޑުޖައްސައިލުމުގެ ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިޔަން އެއާލައިންސްގެ ފްލައިޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ.

މީގެއިތުރުން، ދެ ޤައުމުން ވެސް މިހާރު ވަނީ ޚާރިޖީ ގުޅުން ދަށްކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.