ޚަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް އެހީވުމުގެ ޝައުޤުވެރިކަން އުންމުލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ފާޅުކުރައްވައިފި


  • ގިނަ ދާއިރާތަކުން އިންވެސްޓް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަނީ އަރުވާފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމުގެ ޝައުޤުވެރިކަން އެކުވެރި އަރަބި އިމާރާތުގެ އުމްލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ ފާޅުކުރައްވައިފިއެވެ.

އުންމުލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ މި ކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. އުންމުލް ޤުވައިންގެ އަކީ އެކުވެރި އަރަބި އިމާރާތުގެ އެކުލެވިގެން 7 ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. އުއްމު އަލް ޤުވައިން ޑެޕިއުޓީ ރޫލަރ އަކީ ރާއްޖޭގައި ތަރައްޤީކުރާ މާލީ މަރުކަޒަށް އިންވެސްޓުކުރުމުގެ ޔަޤީންކަން ދިން ފަރާތްތަކުގެ ތެރެއިން އެއް ފަރާތެވެ.

ރައީސުލްޖުމްހޫރިއްޔާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލަރ ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައިވެސް، ރާއްޖޭގައި ވުނަކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްޤީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން އެބަހުރިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެ ފަރާތުން އެކުގައި މަސައްކަތްކޮށް އެއްބާރުލުންދިނުން އިތުރުކުރުމުގެ ޢަޒުމުގައި ދެ ބޭފުޅުންވެސް ތިއްބެވިކަން ހާމަކުރައްވަމުންނެވެ.