އެމެރިކާއިން ނުވަތަ އިސްރާއީލުން އީރާނަށް ޙަމަލާ ދީފި ނަމަ އެ ޤައުމުން ބަދަލުގައި ޙަމަލާ ދޭނެ ކަމަށް އީރާނުގެ ދިފާޢީ ވަޒީރު ޢަޒީޒް ނާސިރުޒާދީ ވިދާޅުވެއްޖެއެވެ.
ނާސިރުޒާދީ މިހެން ވިދާޅުވެފައި މި ވަނީ ޔަމަނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙޫޘީން އިސްރާއީލުގެ މައި ވައިގެ ބަނދަރު ކަމަށްވާ ބެން ގުރިއޮން ވައިގެ ބަނދަރަށް ދިން މިސައިލް ޙަމަލާއެއްގައި ޔަހޫދީންނަށް ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. ޙޫޘީން އެ ޙަމަލާ ދިނީ ފަލަސްޠީނުގެ ޣައްޒާގެ ރައްުޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާތީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބި ކަމަށް ދެއްކުމުގެ ގޮތުންނެވެ.
ޔަހޫދީން ޤަބޫލު ކުރާ ގޮތުގައި ޙޫޘީން އެ ޙަމަލާ ދީފައި ވަނީ އެ ޖަމާޢަތަށް ވާގިވެރިވާ އީރާނުގެ ނުފޫޒާ އެކުގައެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ޙަމަލާގެ ބަދަލެއްގެ ގޮތުގައި އީރާނަށް ޙަމަލާ ދޭނެ ކަމަށް ބުނެފައެވެ.
އެ ކަމާ ގުޅޭގޮތުން ނާސިރުޒާދީ ވިދާޅުވީ އެމެރިކާއިން ނުވަަތަ ޒަޔަނިސްޓުން އީރާނަށް ޙަމަލާއެއް ދީފި ނަމަ އެ ދެ ޤައުމުގެ މަސްލަހަތާ ގުޅުންހުރި ތަންތަނަށާއި އަސްކަރީ މަރުކަޒުތަކަށާއި ފައުޖުތަކަށް އަމާޒު ކޮށް އީރާނުން ޙަމަލާ ދޭނެ ކަމަށެވެ. އެއީ ކޮންމެ ތާކު ހުރި ތަނެއް ނަމަވެސް، ޙަމަލާ ދޭން ފެނިއްޖެ ކޮންމެ ޙާލަތެއްގައި ޙަމަލާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނާސިރުޒާދީ އިތުރަށް ވިދާޅުވީ ޙޫޘީން ޢަމަލު ކުރަނީ އެ ޖަމާޢަތުގެ އަމިއްލަ ނިންމުންތަކުގެ މައްޗަށް ކަމަށެވެ.
މިއީ ޔަހޫދީންނަށް އަމާޒު ކޮށް ޙޫޘީން ދީފައިވާ ފުރަތަމަ ޙަމަލާއެއް ނޫނެވެ. ޔަހޫދީން ޣައްްޒާއަށް ޙަމަލާ ދޭން ފެށި ފަހުން ޙޫޘީން ވަނީ އިިސްރާއީލަށް އަމާޒު ކޮށް ގިނަ ޙަމަލާތަކެއް ދީފައެވެ.
މިދިޔަ މާރިޗު މަހުގެ 15ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ދަނީ ޙޫޘީންނަށް އަމާޒު ކޮށް ޔަމަނުގެ ބައެއް ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޙޫޘީން ދޭ ޙަމަލާތަކަށް އީރާނުން ޒިންމާވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ނާސިރުޒާދީ ވިދާޅުވީ އީރަނުން އަވަށްޓެރި އެއްވެސް ޤައުމަކާމެދު ޢަދާވާތްތެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް ޙަމަލާއެއް ދީފި ޙާލަތެއްގައި އެ ސަރަޙައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުގައި ޙަމަލާ ދިނުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެެމެރިކާއާއި އިސްރާއީލުން ޙަމަލާ ދީފިނަމަ އީރާނުން ބަދަލުގައި ޙަމަލާ ދޭނެ ކަމަށް ނާސިރުޒާދީ ވިދާޅުވެފައި ވަނީ އީރާނުން މުޅިން އައު ބެލިސްޓިކް މިސައިލެއް ދައްކާލާފައި ވަނިކޮށެެވެ. އެ މިސައިލަކީ 1،200 ކިލޯމީޓަރަށް ދަތުރު ކުރެވޭ މިސައިލެކެވެ.