ޕާކިސްތާނުން ތިން ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް މިސައިލެއް ތަޖުރިބާކޮށްފައިވާއިރު، އިންޑިޔާގެ އެކި ސްޓޭޓުތަކުގައި ސަލަމާތީ ތައްޔާރީތައް ކުރިއަށް ގެންދަން އެންގުމާ އެކު، ދެ ޤައުމުގެ ދެމެދުގައި އަނެއްކާވެސް ހަނގުރާމައެއް ފެށުމުގެ ބިރު އިތުރަށް ބޮޑުވެއްޖެއެވެ.
އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ދިން ޙަމަލާއާ ގުޅިގެން، ޕާކިސްތާނާ ދެމެދު އޮންނަ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މަސްރަޙު ފިނިކުރަން ބޭރުގެ އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް އަދި މިހާތަނަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. މި ކަމާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން އިތުރަށް ހޫނުވެފައިވާއިރު، ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރިން ލުއި ހަތިޔާރު ބޭނުންކޮށްގެން ދެ ޤައުމުގެ ސިފައިން ދަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.
މި ޙަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ޕާކިސްތާނާ އެކު ފެން ޙިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް ޢަމަލުކުރުން މެދުކަނޑާލައިފައެވެ. އޭގެ ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިޔާއަށް ނިޞްބަތްވާ މަތިންދާބޯޓުތައް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ. މީގެ އިތުރުން، ދެ ޤައުމުން ވެސް މިހާރު ވަނީ ޚާރިޖީ ގުޅުން ދަށްކޮށް، ވިޔަފާރި ކުރުން މަނާކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
އިންޑިޔާގެ ދާޚިލީ ވުޒާރާއިން ވަނީ ސަލާމަތީ ގޮތުން ހަމަޖެހިފައިވާ އިންތިޒާމުތައް ޢަމަލީގޮތުން ތަޖުރިބާކުރަން ބައެއް ސްޓޭޓުތަކަށް އަންގައިފައެވެ. ނަމަވެސް އެއީ ސީދާ ކޮން ސްޓޭޓުތަކެއް ކަމެއް ބުނެފައެއް ނުވެއެވެ. އެ ވުޒާރާއިން އަންގާފައި ވަނީ، ވައިގެ ޙަމަލާއެއްގެ އިންޒާރާއި، ސަލަމަތީ ސަރަޙައްދުތަކަށް މީހުން ގެންދިޔުން ފަދަ ކަންކަން ޢަމަލީގޮތުން ތަޖުރިބާކުރުމަށެވެ.
ޕާކިސްތާނުން ވަނީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި، ދެ ބާވަތެއްގެ މިސައިލް ތަޖުރިބާކޮށްފައެވެ. އެ ކަމާ ގުޅޭ ގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ބޭރުގެ ޙަމަލާއަކުން ދިފާޢުވުމުގެ ޤާބިލުކަން ހުރިކަން ޔަޤީންކުރެވިފައިވާ ކަމަށެވެ.
އިންޑިޔާ ދެކޮޅަށް އަސްކަރީ ކުރިމަތިލުމަކަށް ގޮސްފިނަމަ، ޕާކިސްތާނުގެ ނާޒުކު އިޤުތިޞާދަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު، ބައިނަލްއަޤުވާމީ ރޭޓިން އޭޖެންސީ، މޫޑީސުން ވަނީ ދީފައެވެ. މޫޑީސުން މިހެން ބުނެފައި މި ވަނީ، ޕާކިސްތާނަށް ދީފައިވާ ލޯނުތައް އަލުން މުރާޖަޢާ ކުރަން އިންޑިޔާގެ ސަރުކާރުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގައި އެދިފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.