ޔަންގް ޕްލެޔަރސް ސްޕޯޓްސް ކުލަބާއި އއ. ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ރިލެކްސް ފެރީ ސަރވިސް ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ ފައިނަލް ފްލޭއޮފް މެޗުގައި މަތިވެރީގެ ރޯޔަލް ނައިޓްސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަނުން ކޭކޭ ކަނޑުމަތި ފައިނަލްގެ ފަހު ޖާގަ ޔަގީންކޮށްފިއެވެ.
ކަނޑުމަތި ފައިނަލަށް ދަތުރުކުރީ ގްރޫޕްގެ ތިން ވަނަ ޓީމުގެ ގޮތުގައި ޕްލޭ އޯފް މެޗުން ޖާގަ ހޯދާ ދެވަނާގައި އައި އާރް.ކޭ ސްޕޯޓްސް ކްލަބްގެ މައްޗަށް 4-2 ކުރި ހޯދައިގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ކަނޑުމަތި ޓީމުންނެވެ. މި ލަނޑު މެޗުގެ ކުރީކޮޅު ކަނޑުމައްޗަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މުހައްމަދު ޝަފްރާޒް (ޝަފްލޭ)އެވެ. ދެވަނަ ލަނޑު މޫސާ ހަސަން ކާމިޔާބުކޮށްދިންއިރު އަނެއް ދެ ލަނޑު އެޓީމަށް ޖަހައިދިނީ ހަސަން ސޮލާޙް (ހައްޓެ)އެވެ.
މިމެޗުގައި އާރް.ކޭއިން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ)އެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ސޮލާޙް މެޗަށްފަހު ބުނީ މުބާރާތުގެ ފައިނަލަށް ދަތުރު ކުރެވުނީ ވަރަށް އުނދަގުލުން ކަމަށާއި މިއީ މުޅި ޓީމު ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.
މުބާރާތުގެ ފައިނަލްގައި މިރޭ ކަނޑުމަތި ނިކުންނާނީ މިދިޔަ އަހަރުގެ މުބާރާތުގެވެސް ފައިނަލްގައި ވާދަކުރި އަފީންސް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މިދެޓީމް މިދިޔަ އަހަރުގެ ފައިނަލް މެޗުގައި އެއްވަރުވުމުން ޕެނަލްޓީގައި އަފީންސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކަނޑުމައްޗެވެ.