ޚަބަރު

އިންޑިޔާގެ ޙަމަލާތަކުގައި އަށް މީހުން މަރުވެ، 35 މީހުން ޒަޚަމުވި: ޕާކިސްތާން


އިންޑިޔާގެ އަސްކަރިއްޔާއިން ޕާކިސްތާނުގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ އަށް މީހުން މަރުވެ، އިތުރު 35 މީހުން ޒަޚަމުވެފައިވާ ކަން ޕާކިސްތާނުން ހާމަކޮށްފިއެވެ. ޕާކިސްތާނުގެ އަށް މީހުން މަރައިލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައި މި ވަނީ 'އޮޕަރޭޝަން ސިންދޫރް'ގެ ނަމުގައި އިންޑިޔާގެ އަސްކަރިއްޔާއިން ދީފައިވާ މިސައިލް ޙަމަލާތަކެއްގައެވެ. އެ އޮޕަރޭޝަންގެ ދަށުން ޕާކިސްތާނާއި، ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ނުވަ ސަރަޙައްދަކަށް އިންޑިޔާއިން ޙަމަލާދިނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އިންޑިޔާގެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެއީ، ވަރަށް "ފިނޑި" އަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި، އިންޑިޔާއިން އިސްވެ ޙަމަލާ ދީފައި ވަނީ ޕާކިސްތާނުން އެއްވެސް ކުށެއް ކޮށްގެން ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އެއްވެސް ޙައްޤަކާ ނުލައި އިންޑިޔާއިން ދީފައިވާ ޙަމަލާގެ ރައްދު ދިނުމުގެ ޙައްޤު ޕާކިސްތާނަށް ލިބިގެންވޭ—ވަރުގަދަ ރައްދެއް ދިނުމަށް މި ދަނީ ތައްޔާރުވަމުން،" ޝަރީފް ވިދާޅުވިއެވެ. "[ޕާކިސްތާނުގެ] އެންމެހައި ރައްޔިތުން ވަނީ އަސްކަރިއްޔާގެ ފަޅިއަށް އަރާފައި، އަދި އަޅުގަނޑުމެން އަޒުމެއް ނުގުޑާނެ."

އިންޑިޔާގެ ޙަމަލާތައް ކުށްވެރިކޮށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ، އިންޑިޔާއިން ޙަމަލާ ދީފައި ވަނީ އެއްވެސް ޙައްޤަކާ ނުލައި ކަމުގައެވެ. އަދި، ޕާކިސްތާނުން އެއްވެސް ކުށެއް ކޮށްގެން ނޫން ކަމުގައެވެ. "އިންޑިޔާގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޢާންމުން ޝަހީދުވި، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ،" އެ ވުޒާރާއިން ބުންޏެވެ.

އިންޑިޔާގެ ޙަމަލާތަކާ އެކު މަދަނީ ވައިގެ އުދުހުންތަކަށް އަސަރު ކޮށްފައިވާ ކަން ވެސް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ފާހަގަ ކުރިއެވެ. އަދި، އިންޑިޔާއިން ޙަމަލާ ދީފައި ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ޗާޓަރާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައި ވެސް ޕާކިސްތާނުން ތުހުމަތު ކުރިއެވެ. އަދި، ނިރުބަވެރި ޖަމާޢަތަކުން ދީފައިވާ ޙަމަލާއެއް ޕާކިސްތާން ސަރުކާރުގެ ކޮނޑުގައި އެޅުވުމަކީ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ވެސް ޕާކިސްތާނުން ސިފަ ކުރިއެވެ. "އިންޑިޔާގެ ފަރުވާކުޑަ އަމަލާ އެކު ނިއުކްލިޔަރ ދެ ބާރު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ފުރުޞަތު މި ވަނީ ހުޅުވިފައި،" އެ ވުޒާރާއިން ބުންޏެވެ.

އިންޑިޔާގެ ޙަމަލާތަކުގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ ރައްދު ޙަމަލާ ދޭން ފަށާފައެވެ. މި ގޮތުން، ކަޝްމީރް ސަރަޙައްދުގައި އޮތް ދެ ޤައުމު ގުޅޭ 'ލައިން އޮފް ކޮންޓްރޯލް' ނުވަތަ ސަރަޙައްދީ ރޮނގުގައި ދެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ޙަމަލާ ބަދަލު ކުރަން ފަށާފައެވެ. އިންޑިޔާގެ މަޞްދަރުތަކުން ބުނީ، އާޓިލަރީ ބަޑި ބޭނުން ކޮށްގެން ޕާކިސްތާނުން ދީފައިވާ ޙަމަލާތަކުގައި ތިން މީހުން ޒަޚަމުވެފައިވާ ކަމުގައެވެ.

މީގެ އިތުރުން، މަތިންދާބޯޓެއް ވެއްޓިފައިވާ ކަމުގައި ވެސް، އިންޑިޔާގެ އަސްކަރިއްޔާއާ ޙަވާލާދީ މަޞްދަރުތަކުން ބުންޏެވެ. މަދަރުސާއެއް ހިންގާ އިމާރާތެއްގެ މައްޗަށް ވެއްޓިފައި ވަނީ ކޮން ކަހަލަ މަތިންދާބޯޓެއް ކަން ސާފެއް ނޫނެވެ. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރިއްޔާއިން ރައްދު ޙަމަލާދީ އިންޑިޔާގެ އަސްކަރިއްޔާގެ ފަސް މަތިންދާބޯޓު ވައްޓައިލާފައިވާނެ ކަމުގައެވެ. އަދި، އިންޑިޔާގެ އަސްކަރިއްޔާގެ ބައެއް ސިފައިން ހައްޔަރު ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސް، އިންޑިޔާގެ އަސްކަރިއްޔާއިން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން ހުއްޓުވުމަށް އެމެރިކާއިން ވަނީ މަސައްކަތް ފަށާފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އިންޑިޔާއާއި ޕާކިސްތާނުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުންނާ އެކު މަޝްވަރާތައް ފަށްޓަވާފައިވާނެ ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކުރުން މެދުކަނޑައި ނުލުމަށް އަދި ޙަމަލާ ބަދަލު ކުރުން އިތުރު ނުކުރުމަށް އޭނާ އިރުޝާދު ދެއްވާފައިވާ ކަމުގައި ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރިއެވެ.

'އޮޕަރޭޝަން ސިންދޫރް'ގެ ނަމުގައި އިންޑިޔާއިން ޕާކިސްތާނަށް ޙަމަލާ ދީފައި މި ވަނީ އޭޕްރިލް 22ވަނަ ދުވަހު އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރައިލުމާ ގުޅިގެންނެވެ. އެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ޕާކިސްތާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ނިރުބަވެރިން ކަމުގައި އިންޑިޔާއިން ތުހުމަތު ކުރެއެވެ.