ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރިނަފާ ލޯނުގެތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
އެސްޑީއެފްސީގެ ޕީޕީއަރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރ އައިމިނަތު މުހާ ވިދާޅުވީ, ދަނޑުވެރިނަފާ ލޯނުގެ ތެރެއިން އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު ޖުމްލަ 18 ފާރާތަކުން ނަގާފައިވާކަމަށެވެ. އޭގެތެރެއިން 1.4 މިލިޔަން ދޫކޮށްފައިވާކަމަށާއި، 2 މިލިޔަނާއި ހަމައަށް 23 ފަރާތަކުން ނަގާފައިވާއިރު އެފަރާތްތަކަށް 14.5 މިލިޔަން ދޫކޮށްފައިވާކަމަށް މުހާ ވިދާޅުވިއެވެ.
ދަނޑުވެރިނަފާ ލޯނުގެ ތެރެއިން ގިނަ މީހުން 2 މިލިޔަނާއި ހަމައަށް ލޯނު ނަގާފައިވާކަން ފާހަގަކުރައްވާ ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ވިދާޅުވީ، ވާރޓިކަލް ފާރމިންގ، އަދި ގްރީން ހައުސް ފާރމިން އަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާކަން ފާހަގަކުރެވޭކަމަށެވެ.
ދަނޑުވެރިނަފާ ލޯނުގައި 2 ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ 6 އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.
ދަނޑުވެރިނަފާ ލޯނަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ 2019ވަނައެވެ.