ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް އެކަށީގެންވާ މޮނިޓަރިން ނިޒާމެއްގެ ދަށުން ފުރުސަތެއް ދިނުމުގައި އެއްވެސް ހުރަހެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވާނުވާ ބަންދުގައި ތިބި ފަރާތްތަކުގެ ހައްޤުގައި މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން "ވާނުވާ ބަންދު"ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން ވިދާޅުވީ އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް މިސަރުކާރުން ވާނުވާ ބަންދަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަވާކަމަށެވެ. އަދި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތްކަމަށް އެބޭފުޅުން ވިދާޅުވިއެވެ.
އެބޭފުޅުން ވަނީ ވާނުވާ ބަންދު މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި އެބޭފުޅުންގެ ޚިޔާލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެބޭފުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި "ވާނުވާ ބަންދު"ގައި ތިބި ފަރާތްތަކަށް ވަކި ހަމައެއްގެ މަތިން މޮނިޓަރކުރެވޭނެ އިންތިޒާމެއް، ނުވަތަ އިލެކްޓްރޯނިކް ވަޞީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު އެއް ފުރުޞަތު ދެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް "ވާނުވާ ބަންދު"ގައި ތިބި ފަރާތްތައް އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް ހުށަހެޅިފައިވާކަމަށާއި، އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުޞޫލުތައްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އިހުސާންތެރިވުމަށާއި، އަދުލުވެރިކަން އިސްކުރުމަށާއި، އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަމަށެވެ. އަދި މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓަރނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން، މޮނިޓަރ ކުރެވޭނެ ނިޒާމެއްގެ ތެރެއިން، 1 ފުރުޞަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭތޯ، ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަމަށާއި، ވަގުތީ ގޮތުންވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރުވެސް މަސައްކަތްކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖަލުތަކުގެ ހާލަތު ބައްލަވާނެކަމަށާއި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ޚާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، "ވާނުވާ ބަންދު"ގައި ތިބި ފަރާތްތަކުގެ ހައްޤުތައް ކަށަަވަރު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުންވަނީ އެމައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ޙައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. މި ކަރުދާހުގައި "ވާނުވާ ބަންދު" ގެ ތަފާސް ހިސާބުތަކާއި، އެކި މައްސަލަތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުން، ނުވަތަ އާންމުކޮށް ކިޔާ "ވާނުވާ ބަންދު"ގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މިކަމާއި ގުޅޭ ދެ ފޯރަމެއް ކުރިއަށް ގެންގޮސްފައިވެއެވެ. ފުރަތަމަ ފޯރަމް ހާއްސަކޮށްފައިވަނީ ޝަރުޢީ ދާއިރާ ފިޔަވާ މިކަމުގައި ހިމެނޭ އެހެން ފަރާތްތަކަށް އަމާޒުކޮށެވެ. އަދި ދެވަނަ ފޯރަމް ކުރިއަށް ގެންދިޔައީ ޝަރުޢީ ދާއިރާއަށް އަމާޒުކޮށެވެ.
މި ފޯރަމްތަކުގެ ބައިވެރިވި ފަރާތްތަކުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް، ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުން ހުއްޓުވުމަށް ހައްލުތަކެއް ގެންނަން ޖެހޭކަން ފާހަގަކޮށްފައެވެ.