ބެޑްމިންޓިން އެސޯސިއޭޝަން އޮފް މޯޑިވްސް (ބީއޭއެމް) އަށް ދީފައިވާ ގައުމީ ހައިސިއްޔަތު އުވާލައި، އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އެޅީ ބެޑްމިންޓަން ކުޅުންތެރިންނާއި އެ އެސޯސިއޭޝަންގެ ޓެކްނިކަލް އޮފިޝަލުންގެ ހައްގުގައި އެ ކުޅިވަރު ހީނަރުވެގެން ހިނގައިދާނެ ބިރުހީވުމުން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ ފިޔަވަޅުން އަޅަން މަޖުބޫރުވެގެން ދިޔައީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބެމުންދިޔަ ފުރުސަތުތައް ގެއްލުމާއި، ބެޑްމިންޓަން ހީނަރުވެގެން ހިނގައިދާނެ ބިރުހީވުމުން ކަމަށެވެ.
ހުސްވި އަހަރު އަސާސީ ގަވާއިދު އިސްލާހުކުރުމަށް އެސޯސިއޭޝަނާ މުއާމަލާތް ކުރެވިފައިވާނެ ކަމަށް ޠަލާލް ވިދާޅުވިއެވެ. ކޮމިޝަނަރ ފާހަގުރެއްވި ކަންކަން އިސްލާހު ނުކުރުމުގެ އިތުރަށް އިންތިޚާބާ ގުޅިގެން އުފެދުނު މައްސަލަތަކާ އެކު އާންމުންނާ ހަމައަށް އެސޯސިއޭޝަންގެ މައްސަލަ ދިޔަކަން ޠަލާލް ފާހަގަކުރެއްވިއެވެ.
"ދައުރު ހަމަވެގެން އިންތިޚާބު ނުބޭއްވިޖަނަމަ އަޅުގަނޑުމެންނަށް ގަވާއިދުގެ ތެރެއިން ބާރެއް، އެއީ އެސޯސިއޭޝަން މުއައްސިސްއާ ހަވާލުކުރުން، މުއައްސިސްގެ ބެލުމުގެ ދަށުން ކޮމިޓީއެއް ނަގައިގެން އިންތިޚާބު ބޭއްވުމުގެ ގާނޫނީ ބާރު ލިބޭ." ޠަލާލް ވިދާޅުވިއެވެ.
ކޮމިޓީއެއް އެކުލަވާލައު މަސައްކަތް ފެށުނު ހިސާބުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އާ ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވުނު ކަމަށާއި، ބައިނަލްއަގުވާމީ ޖަމުއިއްޔާގެ އެދުމަކީ ސަރުކާރުގެ ބައިވެރިވުމެއް ނެތި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ބެލުމުގެ ދަށުން އިންތިޚާބު ކުރިއަށްގެންދިޔުން ކަމަށެވެ.
"އެކަމަށް އަޅުގަނޑުމެން އެއްބަސްވިން އަދި އެއްބަސްނުވެވުނު ކަންކަންމަށްވެސް ފަހުން ދެފަރާތުން ވާހަކަދައްކައިގެން އެކަން އަޅުގަނޑުމެން ކުރިއަށްގެންދިޔުމައްޓަކައި މަސައްކަތްތަކެއް ކުރިން." ޠަލާލް ވިދާޅުވިއެވެ.
އޮލިމްޕިކް ކޮމިޓީއާ މަސައްކަތް ހަވާލުކޮށް މަސައްކަތް ކުރި ނަމަވެސް، ބެޑްމިންޓަން އެސޯސިއޭޝަންގެ ދައުރު ހަމަވެފައިވާ ހިންގީ ކޮމިޓީގެ އެއްބާރުލުމެއް ނުލިބުނު ކަމަށް ޠަލާލް ވިދާޅުވިއެވެ. އެހިސާބުން ނަތިޖާއެއް ނުފެނި ބީޑަބްލިއުއެފް އިން އެކުލަވާލި ކޮމިޓީ، އޮލިމްޕިކް ކޮމިޓީން ވަކިވިކަން ކޮމިޝަނަރަށް އެންގެވި ކަމަށް ޠަލާލް ވިދާޅުވިއެވެ. އެހިސާބުން ބަލަން ނުތިބެ ފިޔަޅުވަޅު އެޅީ ކަމަށްވެސް ވިދާޅުވިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ޤައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނެގީ އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވިފައިނުވާތީ، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާއެކުގައި ކަމަށާއި، މި ފިޔަވަޅު އެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެއެވެ.