ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ނިންމާ އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުންނެވެ. ޣާޒީ ސްކޫލްއަކީ ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލްއެކެވެ.
މާލީ ވުޒާރާއިން ވަނީ ޣާޒީ ސުކޫލްގައި އިތުރު 18 ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އެ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަށް ބީލަން ހުށަހެޅުން ކުރިއަށްގެންދާނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު"ގެ ތެރެއިންނެވެ. އަދި " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"ގެ ދަށުންކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް މި މަހުގެ 25 ވަނަ ދުވަހުގެ ކުރިންކަމަށެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ޣާޒީ ސްކޫލަށް ކްލާސްރޫމްތަކެއް އިތުރުކުރުމަށް ނިންމަވާފާއިވާއިރު ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި އެންމެ ޑިމާންޑު ބޮޑީ ހުޅުމާލޭ ސްކޫލްތަކަށް ކަމަށެވެ. ހުޅުމާލޭގެ ސްކޫލްތަކަށް ޑިމާންޑު ބޮޑީ، އެ ސަރަހައްދަށް ގިނަ އާއިލާތަކަކުން ދިރިއުޅުން ބަދަލުވާތީއެވެ.
އިތުރުވަމުންދާ ޑިމާންޑާއި ގުޅިގެން ހުޅުމާލޭގައި މިއަހަރު އަލަށް ދެ ސްކޫލް ޢިމާރަތްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މިހާރު ހުޅުމާލޭ ފޭސް 2ގައި އިމާރަތްކުރަމުންދާ ސްކޫލްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އެ ސްކޫލްގައި ފަށާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.