ޚަބަރު

ހަ ދުވަހުގެތެރޭ 35,718 ފަތުރުވެރިން، މިއީ %18.2 އިތުރު އަދަދެއް


  • އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 866,462 ފަތުރުވެރިން ޒިޔާރާތްކޮށްފަ

މިމަހުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 35،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އާޅާބަލާއިރު 18.2 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 35,718 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 30,212 ފަތުރުވެރިންނެވެ. މިއީ 18.2 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 866,462 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 802,582 ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,877 ފަތުރުވެރިން އާދެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 97،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު

ޗައިނާ – 97,892 ފަތުރުވެރިން
ރަޝިއާ – 92,333 ފަތުރުވެރިން
އިނގިރޭސިވިލާތް – 90,161 ފަތުރުވެރިން
އިޓަލީވިލާތް – 78,260 ފަތުރުވެރިން
ޖަރުމަންވިލާތް – 66,750 ފަތުރުވެރިން

ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު 25ހާހަށްވުރެ ގިނަ ފުތުރުވެރިން ހޮޓަލްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.