ހުރިހާ ސްކޫލަކަށް ވެސް އެހީ ފޯރުކޮށްދީގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މުޅި ރާއްޖޭގައި ފާހަގަ ކުރަން ނިންމާ މާލޭގެ 5 ސަރަޙައްދެއްގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މީގެ ކުރީން ސްކޫލްތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ސްކޫލު ފެންވަރުގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހާކަދައްކަވަމުން ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދު ވަނީ އެ ވުޒާރާއިން އިސްނަގައިގެން ފުރަތަމަފަހަރަށް ޤާއުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް މިއަހަރު ފާހަގަކުރުމަށް ކުރައްވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. ސައީދު ވިދާޅުވީ ސްކޫލުތަކުގައި އަބަދުވެސްކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ކަމަށާއި ނަމަވެސް މިހާރުގެ ވިސްނުމަކީ ކުޑަކުދީންގެ ދުވަސް ފާހަގަކުރާއިރު ކުދީންނާއި އެކުދީންގެ އާއިލާވެސް ހިމަނައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އެ ދުވަސް ފާހަގަކުރުން ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ދުވަހަކީ ހަމައެކަނި އެކުދީންނަށް ހަދިޔާއެއް ދީގެން ފުއްދާލާ ދުވަހަކަށް ހަދައިގެން ނުވާނެ ކަމަށާއި، އެ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް އެ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދީގެންކަމަށެވެ.
"އަޅުގަނޑުމެންގެ މިނިސްޓަރު އިސްނަންގަވައިގެން ނިންމެވީ މާލެ ސަރަހައްދުގެ ސްކޫލުތައް އެކިއެކި ގްރޫޕްތަކަށް ބަހާލައިގެން އެކިއެކި ސަރަހައްދުތަކުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް. ވަރަށް ގިނަގުނަ ހަރަކާތްތައް މީގަ އެބަ ހިމެނޭ. ސްކޫލުތަކުން އަމިއްލައަށް ފާހަގަކުރާއިރުވެސް ހަމަ ހިމެނޭ ހަރަކާތްތައް. ޚާއްސަކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަކަށް ދައްކުވައިދޭ ހަރަކާތްތައް"ސްޓޭޓް މިނިސްޓަރ ޙުސައިން ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މާލެ ސަރަހައްދުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ސްކޫލުތައް ގުޅިގެން ފަސް ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން ވިލިމާލެއާއި މާލޭގެ ތިން ސަރަހައްދެއްގެ އިތުރުން ހުޅުމާލޭގައި ކުޑަކުދީންގެ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވުއެވެ.
- ހުޅުމާލެ ސެންޓްރަލް ޕާކް
- މުހިޔިއްދީން ސްކޫލް
- ރަސްފަންނު
- ހެންވޭރު ދަނޑު
- ޖުމްހޫރީ މައިދާން، އިސްލާމީ މަރުކަޒު ސަރަހައްދު،
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި ހަރަކާތްތައް ވާނީ ކުޑަކުދިންނާ ގުޅޭ ޝަޢުގުވެރި ތަޢުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކުގައިކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫކްތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކުގައި ބާއްވާ ޚާއްސަ އެސެމްބްލީތަކާއި އެހެނިހެން ހަރަކާތްތައް ހިމެނެއެވެ. މިހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް އެކުދިންގެ ޙައްޤުތަކާ ގުޅޭ މަޢުލޫމާތުދީ، އެކުދިންނާ މެދު ޤައުމުގެ ތަޞައްވަރު ކިޔާދިނުމަށް ހަމަޖެހިފައިވެއެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި ހަރަކާތްތައް ކުރިއަށް ގެންދާނީ ކްލާސްރޫމްތަކުގައި ކިޔަވައިދޭ ގަޑިތައް ނުގެއްލޭ ގޮތަށްކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް މިއހަރު ތަޢުލީމީ ވުޒާރާއިން ޤައުމީ ފެންވަރުގައި ފާހަގަކުރާއިރު މިއހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު ކުރިއަށް އޮތް އަހަރުތަކުގައި މި ދުވަސް ފާހަގަކުރުން ފުޅާކުރުމަކީ އެ ވުޒާރާގެ އަމާޒެކެވެ.