މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ ރިޓަޔާކުރާ އެތުލީޓުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ. ސާއިދު މިހެން ބުނެފަވަނީ މިއަދު ފެށޭ މާސްޓަރސް އެތުލެޓިކްސް މުބާރާތާ ގުޅިގެން "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
35 އަހަރުންމަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތަކީ އަދި މިހާތަނަށް ރާއްޖޭގައި މިފަދަ ގޮތަކަށް އިންތިޒާމުކުރެވިގެން ބާއްވާ ފުރަތަމަ މުބާރާތެވެ. ސަތޭކައެއްހާ ދިވެހި އެތުލީޓުންނާއި އަވަށްޓެރި ލަންކާގެ ފަސް އެތުލީޓަކުވެސް މިމުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު، މުބާރާތަށް ލިބިގެންދިޔައީ ވަރަށް ރަނގަޅު ތަރުޙީބެއްކަމަށް މި މުބާރާތް އިންތިޒާމުކުރާ މާސްޓާރސް އެތުލެޓިކްސް ކުލަބުގެ ރައީސް އަލީ ރައީފް ވަނީ ބުނެފައެވެ.
މިމުބާރާތް މިއަދު ހަވީރު ފެށިގެންދާއިރު މުބާރާތުގައި ވާދަކުރާނެ އުމުރުފުރާތަކަކީ 35 އަހަރާ 39 އަހަރާ ދެމެދާއި، 40 އަހަރާ 44 އަހަރާ ދެމެދު، 45 އަހަރާ 49 އަހަރާ ދެމެދު 50 އަހަރާ 55 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 55 އަހަރުންމަތީގެ އުމުރުފުރާއެވެ.
މާސްޓާރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ކުރިއަށްދާ އިވެންޓުތަކުގެ ތެރޭގައި 100މީޓަރު، 200 މީޓަރު ،1500 މީޓަރުގެ އިތުރުން 5000 މީޓަރާއި 1000 މީޓަރު ދުވުން ހިމެނެއެވެ. އަދި އޭގެ އިތުރުން ފީލްޑް ހަރަކާތްތައްކަމަށްވާ ޝޮޓް، ޑިސްކަސް އަދި ޖެވެލިން ތުރޯވެސް މިމުބާރާތުގައި ކުރިއަށްދާނެއެވެ.
މިމުބާރާތުގައި ވާދަކުރާ ފަރާތެއްކަމަށްވާ ޔަޒްނީ ނަޝީދު (ޔަޒޫ) ފާހަގަކުރިގޮތުގައި މިފަދަ މުބާރާތެއް ބާއްވަން މިހާރުވެސް މާބޮޑަށް ލަސްވެއްޖެއެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ވެޓެރަންސް އެތުލީޓުންނަށް ބައިނަލް އަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް ޔަޒޫ ދެކެއެވެ.
"މިކަހަލަ މުބާރާތެއް ބާއްވާތީ ވަރަށް އުފާވޭ އަސްލުގަ. އެއީ އަހަރުމެން ކަހަލަ ސީނިއަރ އެތުލީޓުންނަށްނަށް ބާއްވާ މުބާރާތެއްވީމަ. އެކަމަކު ތަންކޮޅެއް ލަހީބާއްވަން އުޅޭލެއް. މިހާރު އަހަރުމެން މިތިބީ ވަރަށް ދުވަސްވެފަ. ކުރިން މިކަހަލަ މުބާރާތެއް ބޭއްވި ނަމަ ބޭރުގެ މުބާރާތްތަކުގަ ވާދަކުރަންވެސް ޗާންސްލިބުނީސް" ޔަޒޫ ބުންޏެވެ.
ޗަބާ ކިސް އަކީވެސް މި މުބާރާތުގައި ވާދަކުރާ އެތުލީޓެކެވެ. އޭނާ ބުނީ މިފަދަ މުބާރާތެއް ބާއްވާތީ އުފާވާކަމަށާ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަބަދުވެސް ހެލިފެލިވެ އުޅުމަށް ސަމާލުކަން ދޭންޖެހޭކަމަށެވެ. އުމުރުން މަތިވާ ވަރަކަށް މިކަންކަމަށް ސަމާލުކަން ދެވިއްޖެނަމަ ދުޅަހެޔޮ ގައުމަކަށް ރާއްޖެ ވެގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ.
"އަހަރެން މިހިރީ ވަރަށް އުފާވެފަ. އަހަންނަކީ އަބަދުވެސް ދުވެ ކަސްރަތުކޮށް ހަދާ މީހެއް. މިއުމުރުގެ އެންމެންވެސް ކަސްރަތުކޮށް ހެދުން ވަރަށް މުހިންމު. މިބުނަނީ ކޮންމެހެން ރޭސްޖަހާށެކޭ ނޫން. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހެލިފެލިވެ އުޅޭ ނަމަ މިގައުމަކީ ދުޅަހެޔޮ އާބާދީއެއް އޮންނަ ގައުމަކަށް ހެދިދާނެ" ޗަބާ ބުންޏެވެ.
ދޮށީ އުމުރުފުރާގެ ފަރާތްތަކަށް ޚާއްސަކޮށްގެން އަލަށް މިބާއްވާ "މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ.
މި މުބާރާތުގެ މަގްސަދަކީ 35 އަހަރުންމަތީގެ ބޭފުޅުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުންކަމަށް މާސްޓާރސް އެތުލެޓިކްސް ކުލަބުގެ ރައީސް ރައީފް ބުނެފަވެއެެވެ.