ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ސަހަރަށް ވެރިވެގަތުމަށް ފަހު، އެމެރިކާ ބެލުމުގެ ދަށުން އަދި އެމެރިކާގެ ބާރު ހިނގާ ވަގުތީ ސަރުކާރެއް އެ ސަހަރުގައި ޤާއިމު ކުރުމާ ގުޅޭ ގޮތުން އެމެރިކާއާއި ޔަހޫދީން މަޝްވަރާ ކޮށްފައިވާ ކަން ހާމަވެއްޖެއެވެ. ޣައްޒާއަށް ވެރިވެގަނެ، އެއީ އެމެރިކާގެ ބިމަކަށް ހެދުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސައްވުރެކެވެ. އަދި، އެ ކަން ހާސިލު ކުރުމަށާއި، އެ ތަން ފަތުރުވެރިކަމަށް ތަރައްޤީ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަން ޔަހޫދީން ވަނީ ހާމަކޮށްފައެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން މި ވަގުތު ދަނީ ޤަތުލުޢާންމެއް ހިންގަމުންނެވެ. ބޭނުމަކީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމެވެ. މަޞްދަރުތަކުން ބުނީ، ޣައްޒާ ފޭރިގަތުމަށް ފަހު އެ ތަނުގެ ވަގުތީ ސަރުކާރެއް ޤާއިމުކޮށް، އެ ސަރުކާރުގެ އެންމެ އިސް މަޤާމަށް އެމެރިކާގެ އޮފިޝަލަކު ޢައްޔަން ކުރުމާ ގުޅޭ ގޮތުން ޒަޔަނިސްޓު އިސްރާއީލާއި އެމެރިކާގެ އިސް އޮފިޝަލުންގެ މެދުގައި މަޝްވަރާތަކެއް ބާއްވާފައިވާ ކަމުގައެވެ.
އެމެރިކާއިން ޤާއިމު ކުރާ ވަގުތީ ސަރުކާރަކުން ޣައްޒާގައި ވެރިކަން ކުރާނީ ކިހާ މުއްދަތަކަށް ކަން މަޝްވަރާތަކުން ސާފެއް ނޫނެވެ. މަޞްދަރުތަކުން ބުނީ، މިއީ 2003ވަނަ އަހަރު ޢިރާޤުގައި ވެރިކަން ހިންގުމަށް އެކުލަވައިލާފައިވާ އެއްބަސްވުމާ އެއް ފަދަ ހުށަހެޅުމެއް ކަމުގައެވެ. 2003ވަނަ އަހަރު ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަން ވައްޓައިލުމަށް ފަހު ވެސް އެމެރިކާއިން ވަނީ އެ ޤައުމުގެ ބެލުމުގެ ދަށުގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައެވެ. ޢިރާޤުގެ ރައްޔިތުން ޤަބޫލު ކޮށްފައި ވަނީ އެއީ އިސްތިޢުމާރީ ވެރިކަމެއްގެ ގޮތުގައެވެ. އެމެރިކާއިން ޢިރާޤުގެ ރައްޔިތުންނާ ވެރިކަން ޙަވާލު ކޮށްފައި ވަނީ އޭގެ އެއް އަހަރު ފަހުންނެވެ.
ޣައްޒާގައި އެމެރިކާއިން ޤާއިމު ކުރުމަށް ހުށަހަޅާފައިވާ ވަގުތީ ސަރުކާރުގައި ބައިވެރިވުމުގެ ފުރުޞަތު އެހެން ޤައުމުތަކަށް ހުޅުވައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، އެ ކަމުގެ ދަޢުވަތު އަރުވަން ނިންމާފައިވާ ޤައުމުތަކަކީ ކޮބައިކަން ސާފެއް ނޫނެވެ. އެމެރިކާއިން ހުށަހަޅާފައި ވަނީ، ޣައްޒާގައި ޤާއިމު ކުރުމަށް ނިންމާފައިވާ ވަގުތީ ސަރުކާރުގައި ފަލަސްޠީނުގެ ރައްޔިތުންގެ ބައިވެރިވުން ވެސް އޮތުމަށެވެ. ނަމަވެސް، ޣައްޒާގައި މި ވަގުތު ވެރިކަން ކުރަމުންދާ ޙަމާސް ޖަމާޢަތާއި ހުޅަނގު އައްސޭރީގައި ވެެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
އެމެރިކާގެ ބެލުމުގެ ދަށުން ޣައްޒާގައި ވަގުތީ ސަރުކާރެއް ޤާއިމު ކުރުމަށް ޔަހޫދީންނާ އެކު މަޝްވަރާތައް ބާއްވާފައިވީ ނަމަވެސް، އެ ކަމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަން ސާފެއް ނޫނެވެ. ޣައްޒާގައި އެމެރިކާގެ ވެރިކަމެއް ޤާއިމު ކުރުމަށް ހުށަހަޅާފައި ވަނީ ކޮން ފަރާތަކުން ކަން ވެސް ސާފެއް ނޫނެވެ. އަދި، މި ފަދަ މަޝްވަރާތަކެއް ބާއްވާފައިވާ ކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އިންކާރު ކޮށްފައެވެ.
"އަޅުގަނޑުމެންގެ [އެމެރިކާގެ] އޮތީ އެންމެ ބޭނުމެއް؛ އެއީ ސުލްޙަ ޤާއިމުކޮށް އަސީރުން މިނިވަން ކުރުވުން. އެ ކަން ކުރުމުގައި އަޅުގަނޑުމެންގެ ލަނޑުދަނޑިތައް ސާފު؛ އެއީ އިސްރާއީލާ އެކު ދެމިއޮތުން، އަދި ސުލްޙަ އިސްކުރުން،" ޣައްޒާގައި އެމެރިކާގެ ވެރިކަމެއް ޤާއިމު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ސުވާލު ކުރުމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ބުންޏެވެ. މި ކަމާ ގުޅޭ ގޮތުން އެއްޗެއް ހާމަކުރުމަށް ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވެސް ވަނީ އިންކާރު ކޮށްފައެވެ.
ޙަމާސުން ވަނީ އެމެރިކާގެ ބެލުމުގެ ދަށުން ޣައްޒާގައި ވަގުތީ ސަރުކާރެއް ޤާއިމު ކުރުމާ ދެކޮޅު ހަދާފައެވެ. ޙަމާސް ޖަމާޢަތުގެ މީޑިޔާ އޮފީހުގެ ޑިރެކްޓަރު އިސްމާޢީލް އަލް-ޘަވާބްތާ ވިދާޅުވީ އެމެރިކާ، ނުވަތަ ބޭރުގެ އެހެން އެއްވެސް ބާރެއްގެ ބެލުމުގެ ދަށުން ޣައްޒާގައި ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު ނުދޭނެ ކަމުގައެވެ. އަދި، ޣައްޒާގައި ވެރިކަން ކުރާނެ ނިޒާމެއް ޤާއިމު ކުރުމުގެ އިޚްތިޔާރު އޮތީ ފަލަސްޠީނުގެ ރައްޔިތުންނަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ކަމާ ގުޅޭ ގޮތުން ޕީއޭން ވެސް އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
ބޭރުގެ ބާރުތަކުގެ ބެލުމުގެ ދަށުން ޣައްޒާގައި ވަގުތީ ސަރުކާރެއް އެކުލަވައިލުމަށް ބައެއް ޢަރަބި ޤައުމުތަކުން ވެސް ވަނީ ތާޢީދު ކޮށްފައެވެ. އޭގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ހިމެނެއެވެ. ޔޫއޭއީއަކީ ޒަޔަނިސްޓުންނާ އެކު ސިޔާސީ ގުޅުން ޤާއިމު ކޮށްފައިވާ ޤައުމެކެވެ. ޔޫއޭއީން ވެސް ހުށަހަޅާފައި ވަނީ، ބޭރު ޤައުމުތަކުގެ އިއްތިޙާދެއްގެ ބެލުމުގެ ދަށުން ޣައްޒާގައި ވަގުތީ ސަރުކާރެއް އެކުލަވައިލުމަށެވެ. އަދި، ޔޫއޭއީން ވަނީ އެ ކަން އެމެރިކާއާއި ޔަހޫދީންނަށް ހުށަހަޅާފައެވެ.