ޚަބަރު

އިންޑިޔާގެ 15 ރަށަކަށް ޕާކިސްތާނުން ދޭން މަސައްކަތްކުރި މިސައިލް ޙަމަލާއެއް ނާކާމިޔާބުކޮށްލައިފި


އިންޑިޔާގެ 15 ރަށަކަށް ޕާކިސްތާނުން ދޭން މަސައްކަތްކުރި މިސައިލް ޙަމަލާއެއް ނާކާމިޔާބުކޮށްލައިފިއެވެ.

އިންޑިޔާގެ ސަރުކާރުން ބުނީ ރެއާއި މިއަދުގެ ހެނދުނު އިންޑިޔާގެ 15 ރަށެއްގައި ޤާއިމުކޮށްފައިވާ އަސްކަރީ މަޤާމުތަކަށް މިސައިލް ބޭނުންކޮށްގެން ޕާކިސްތާނުން ޙަމަލާ ދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. ޕާކިސްތާނުން މަސައްކަތް ކޮށްފައި ވަނީ ކަޝްމީރާއި ޕަންޖާބާއި ގުޖުރާތުގެ ރަށްތަކަށް ޙަމަލާ ދޭން ކަމަށާއި މިސައިލުތައް ޢަމާޒަށް ވާސިލުވުމުގެ ކުރިން ރަޝިޔާއިން އުފައްދާފައިވާ އެސް400 މަރުކައިގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން އެ މިސައިލުތައް ވައްޓާލާފައިވާ ކަމަށް ވެސް އިންޑިޔާއިން ބުނެފައިވެއެވެ. އަދި ރައްދުގައި ޕާކިސްތާނުގެ ވައިގެ ދިފާޢީ ނިޒާމު ޤާއިމުކޮށްފައިވާ ސަރަޙައްދުތަކަށް ޙަމަލާ ދީފައިވާނެ ކަމަށް ވެސް އިންޑިޔާއިން ބުނެފައިވެއެވެ.

ޕާކިސްތާނުން ވަނީ އިންޑިޔާއިން ވަރުގަދަ ޑްރޯން ޙަމަލާއެއް ދިން ކަން ކަށަވަރުކޮށްދީފައެވެ. އެ ގޮތުން ޔަހޫދީން އުފައްދާފައިވާ ޒަމާނީ ޑޮރޯން ބޭނުންކޮށްގެން އިންޑިޔާއިން ޙަމަލާ ދިން ކަމަށާއި މިހާތަނަށް 25 ޑްރޯން ވައްޓާލާފައިވާ ކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެއެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ މީހަކު މަރުވެ ސިފައިންގެ ހަތަރު މީހުން ޒަޚަމުވެފައިވާ ކަމަށް ވެސް ޕާކިސްތާނުން ބުނެފައިވެއެވެ.

އިންޑިޔާއާއި ޕާކިސްތާނުން ދަނީ ކަޝްމީރުގައި ދެ ޤައުމު ގުޅޭ ސަރަޙައްދުގައި ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާދެމުންނެވެ. އެ ޙަމަލާތަކުގައި ދެ ޤައުމުގެ ޢާންމުންގެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

ނިއުކްލިއަރ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާބަދަލުކުރަން ފެށީ އިންޑިޔާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދިނީ އިންޑިޔާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ. އެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ޕާކިސްތާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ނިރުބަވެރިން ކަމުގައި އިންޑިޔާއިން ތުހުމަތު ކުރެއެވެ.

އިންޑިޔާއާއި ޕާކިސްތާނުން ވަނީ މިހާތަނަށް ހަތަރު ހަނގުރާމައެއް ކޮށްފައެވެ. އޭގެ ތެރެއިން ތިން ހަނގުރާމަ ކޮށްފައި ވަނީ ކަޝްމީރުގެ މައްސަލާގައެވެ.