ޚަބަރު

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ފުރުސަތު ހުޅުވާލާފައިވަނީ ޖޫންމަހުގެ 10އަށް

  • ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ އެންމެ ރަނގަޅު 4 ފަރާތަކަށް 50،000 ރުފިޔާ ދޭނެ

  • އެޑިއުކޭޝަން ފަންޑަށް ހުށަހަޅާ އެންމެ ރަނގަޅު 8 ފަރާތަކަށް 25،000 ރުފިޔާ ދޭނެ

އެލައިޑް އިންޝުއަރަންސްގެ އިޖްތިމާޢީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތަޢާރަފްކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ހާމަކޮށްފައިވަނީ އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑަކީ 6 ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމަޢަށް މަންފާ ކުރުވަނިވި ޚިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކަށް ލިބިދޭ ފަންޑިންގ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން ޞިއްޙީ ދުޅަހެޔޮކަން، އިޖުތިމާޢީ ޚިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީޚުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތައް ހުށަހަޅާލެވޭނެކަމަށް އެލައިޑުން ވިދާޅުވެއެވެ.

އެގޮތުން ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ 4 ފަރާތަށް
50،000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެލައިޑްގެ ކޮމިއުނިޓީ ފަންޑަށް ހުށަހެޅޭނީ (([email protected] މެދުވެރިކޮށެވެ.

އެލައިޑް އެޑިޔުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޚިޔާލުތަކަށް ހިތްވަރުދޭ ފަންޑިންގ ޕްރޮގްރާމެކެވެ. މިފަންޑަށްވެސް އެދި ހުށަހަޅާ ޕްރޮޖެކްޓްގެ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެލައިޑް އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމަށް ހުށަހެޅޭނީ (([email protected]) މެދުވެރިކޮށެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖޫންމަހުގެ 10 ވާ އަންގާރަ ދުވަހުގެ ހަވީރު 1600 ޖެހުމާހަމައަށެވެ.

އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މާރކެޓިންގ މެނޭޖަރ އައިޝަތު ސުދާ ވިދާޅުވީ ފަންޑިންގް ޕްރޮގްރާމްތަކަކީ ވަރަށް އުއްމީދާއެކު ފަށާފައިވާ މަސައްކަތްތަކެއްކަމަށެވެ. އަދި އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުންވެސް މުޖުތަމަޢެއްގައި ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ. އަދި އުއްމީދަކީ މިއަހަރު ހުޅުވާލި ފަންޑަށްވެސް ގިނަބަޔެއްގެ ތަރުހީބު ލިބުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާތަނަށް ކުރިއަަށްގެންދެވުނު ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑުގެ ޕްރޮޖެކްޓްގެ ދަށުން ނައިފަރު، މިލަންދޫ ކެޔޮދޫ، އަދި ށ.ކަނޑިތީމު، ފޯކައިދޫ، މާމެންދޫ ، ހިރިލަންދޫ، ބ.އޭދަފުށީގައި މިހާތަނަށް ވަނީ މި ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައި. އުއްމީދަކީ، މިއަހަރު މިހުޅުވާލެވޭ ފަންޑަށް ފުދޭވަރަކަށް ތަރުހީބު ލިބޭނެކަމަށް". އެލައިޑުގެ މާރކެޓިންގ މެނޭޖަރ އައިޝަތު ސުދާ ވިދާޅުވިއެވެ.

2018ވަނަ އަހަރު އެލައިޑުން ތަޢާރަފްކުރި "ޕްރިމިއަމް ފޯ ގުޑް"އަކީ އެލައިޑްގެ އިޖްތިމާޢީ ޒިންމާއަށް ޚާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އދ.ގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މިއޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެލައިޑުން ތަޢާރަފްކޮށްފައިވާ ކޮޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަން ފަންޑާ ބެހޭ މަޢުލޫމާތު https://allied.mv/csr ލިބެން ހުންނާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.